ދީނީ ކަންތައްތަކުގައި ޚިލާފް އުފެދެނީ ފުރިހަމައަށް ހެއްކާއި ދަލީލް ލިބިފައި ނެތުމުން ކަމަށް އައްޝައިޚް ޢަލީ ޒާހިރު ބިން ޤާސިމް ވިދާޅުވެއްޖެ އެވެ.
އައްޝައިޚް ޢަލީ ޒާހިރު މިހެން ވިދާޅުވީ ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ޤައުމީ ރޫޙް އާލާކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ރޭ ކަޅުތުއްކަލާ ކޮ ށީގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި "ދީނީ ކަންކަމުގައި ޚިޔާލު ތަފާތުވުން" މި މައުޟޫއަށް ވާހަކަފުުޅު ދައްކަވަމުންވެ.
ޝަރަފްވެރި މެހެމާންގެ ވާހަކަފުޅުގައި، އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުވާން ޖެހޭނީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރޭގައިވާ އީމާންތެރި ކަމަށްކަން ފާހަގަ ކުރައްވަމުން، އެކަން ކުރެއްވިއްޖެ ނަމަ، އަޅުގަނޑުމެން ކޮންމެ މީހަކީ ބާއްޖަވެރިއަކަށް ވެވިދާނެކަމަށް ވިދާޅުވި އެވެ.
އަދި ދީނީ ރުކުންތަކާއި ދީނީ މުހިންމު އުޞޫލުތަކާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެންގެ ތެރޭގައި މިއަދު މި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައި ކަމަށް ވިދާޅުވަމުން، ދީނީ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ތިބެގެން ނުވަތަ މީހުންގެ ސަމާލު ކަމަށް ނުގެނެސް ޚިޔާލު ތަފާތުވުން ކުޑަކުރެވެން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ދީނުގައި އެއްވެސް ދެ މީހަކު ޚިޔާލު ތަފާތުނުވާ ކަންތައްތައް ވެސް އެބަ ހުރިކަން ފާހަގަ ކުރައްވަމުން، އެގޮތުން އަޅުގަނޑުމެން ފުންކޮށް ވިސްނާލުމުން އެނގެނީ ދީނުގެ މައިގަނޑު ބޮޑެތި އަސާސްތަކަކީ އެއްވެސް މުސްލިމަކު ދެބަސްވެ، ޚިޔާލު ތަފާތުނުވާ ފަދަ ހަރުދަނާ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.
އަދި ބަލި މީހާ އެކި ބާވަތުގެ ޑޮކްޓަރުން ގާތަށް ގޮސް، މަޢުލޫމާތާއި ފަރުވާ ހޯދާ ގޮތަށް، އަޅުގަނޑުމެންގެ ދީނީ އަޤީދާ ވަރުގަދަކޮށް ހަރުދަނާ ކުރުމަށާއި، އެކަންކަން އަޅުގަނޑުމެންނަށް ވުރެ ރަނގަޅަށް ދަންނަ މީހުންގެ ގާތަށް ގޮސް ރަނގަޅު ގޮތް އޮޅުން ފިލުވަން އެބަ ޖެހޭ ކަމަށާއި، ސަބަބަކީ އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ އަށް އެފަދަ ކަންކަން ދިރާސާ ކުރެވެން ނެތުން ކަމުގައި ވިދާޅުވި އެވެ.
އަދި އިތުރަށް ވާހަކަފުޅު ދައްކަވަމުން، ދީނީގޮތުން ލަފާ ހޯދާކަށް ވަކި މީހަކު މުހިއްމު ނޫންކަން ފާހަގަ ކުރައްވައި، މުހިއްމީ އެބޭފުޅަކު ދައްކަވާ ދަލީލާއި ހުއްޖަތްތަކުގައި ހުރި ޞައްޙަކަމާއި ހަރުދަނާކަމާ ދޭތެރޭގައިކަން ފާހަގަ ކުރައްވަމުން، މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވެނީ ދީނީ ޚިޔާލު ތަފާތުވުން ހުރީ ދީނީ ބޮޑެތި ކަންކަމުގައި ނޫން ކަމަށާއި، ކުދިކުދި ކަންކަމުގައި ކަމަށް ވިދާޅުވި އެވެ.
އަދި ޚިޔާލު ތަފާތުވުން "އިޚްތިލާފްވުން" އުފެދޭ ޙާލަތްތަކުގައި އެފަދަ މީހުންނަށް މަލާމާތްކޮށް ބާކީ ކުރުމުގެ ބަދަލުގައި އެކަންކަމާ ވާހަކަ ދައްކައި، އޮޅުންފިލުވައި، އެކަމަކާ ޕްޒިޓިވްކޮށް ފޭސް ކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.