Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

ވަރުން ދަވަން ފެހުންތެރިއަކަށް

ފަހަން ދަސްކުރަން ބޭނުން ވިޔަސް ބޮލިވުޑްގެ އެކްޓަރު ވަރުން ދަވަންގެ ކައިރިން އެކަން ކުރެވިދާނެ އެވެ. އެކަމަކު އެކަމާ އެއްގޮތަކަށް ވެސް ހިޔާލު ނުކުރާށެވެ. އޭނާ ފިލްމް ކުޅުން ހުއްޓާލައި ފަގަން ފެށީކީ ނޫނެވެ.

ކުރިއަށް އޮތް ފިލްމަށް ތައްޔާރުވުމުގެ ގޮތުން ފަހަން ދަސް ކުރަނީ އެވެ. އެ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ. އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީ އަށް ބިނާކޮށް ހަދާ ފިލްމްގައި ވަރުން ފެންނާނީ އާދައިގެ ފަހާ މީހެއްގެ ރޯލުންނެވެ.

އޭނާއާ އެކު ފިލްމްގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ އިއްޔެ، ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ ކައިވެނި ކުރި ބަތަލާ އަނުޝްކާ ޝަރްމާ އެވެ.

ވަރުން "ސުއީ ދާގާ" އަށް ތައްޔާރު ވާން ފަށާފައި މި ވަނީ ސުޖިތު ސިރްކާގެ ފިލްމް "އޮކްޓޯބާ" ގެ ޝޫޓިން ނިންމައިލުމަށް ފަހު އެވެ.

ޝަރަތު ކަޓަރިއާ ޑައިރެކްޓް "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގެ ޝޫޓިން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ބެލެވޭ ގޮތުން ފިލްމްގެ މަސައްކަތް ރަސްމީކޮށް ފަށާނީ އަނުޝްކާގެ ހަނީމޫނަށް ފަހު އެވެ.

"ސުއީ ދާގާ: މޭޑް އިން އިންޑިއާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ސެޕްޓެމްބަރު 28، 2018 ގަ އެވެ.