Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޗައިނާއިން އެތެރެކުރާ މުދަލުގެ ފެންވަރު ބަލާނެ ލެބެއް ހަދަނީ

ދިވެހި ރާއްޖެއާ ޗައިނާ ސަރުކާރާ ދެމެދު ސޮއިކުރެވުނު ފްރީ ޓްރޭޑް އެގްރީމެންޓުގެ ދަށުން ރާއްޖެ އެތެރެކުރާ ޗައިނާ މުދަލުގެ ފެންވަރު ބަލާނެ ޚާއްސަ ލެބެއް ގާއިމުކުރުމަށް ވަނީ އެއްބަސްވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް އިކޮނޮމިކް މިނިސްޓްރީން ފޮނުވި ކަރުދާހުގައި ވާގޮތުން، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ފެންވަރު ބެލުމަށް އެފަދަ ޓެސްޓުތައް ހެދޭނެ ލެބޯޓްރީއެއް ގާއިމުކުރުމަށް ޗައިނާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށައެޅި ކަމަށްވެއެވެ.

އަދި އެފަދަ ލެބޯޓްރީއެއް ހެދުމަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ލެބޯޓްރީ ގާއިމުކުރުމުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ބޭހާއި އެކި ވައްތަރުގެ ކެމިކަލާއި ކޮންސްޓަކްޝަން ސާމާނުގެ ފެންވަރު ދަނެގަނެވޭނެއެވެ.

ޗައިނާއިން ވަނީ ރާއްޖޭގެ ތަރައްގީއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ޗައިނާ ސަރުކާރާއެކު ގާއިމުކުރި ފްރީ ޓްރޭޑް އެގްރީމެންޓަކީ ރާއްޖޭގެ އިގްތިސޯދަށް ގެއްލުން ހުރި ނިންމުމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.