ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން އާއި އޭނާގެ ފިރިމީހާ ރޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.
މި މައްސަލާގައި ގިނަ އަދަދެއްގެ ބަޔަކު ރޭ ވަނީ ހިތަދޫ ޕޮލިސް ސްޓޭޝަން ދޮށައް އެއްވެ އަޑު އުފުލާފައެވެ. ހިސާންގެ ފިރިމީހާ ނާޒިލްއަކީ ހިތަދު އަށް ނިސްބަތްވާ މީހެކެވެ.
"ސަން އޮންލައިން" އަށް ދެއްވާފައިވ އިންޓަވިއުއެއްގައި ހިސާން ވިދާޅުވީ އައްޑޫގައި ބާބުކިއު ހަދަން ގޮސް އުޅެނިކޮށް އޭނާ އާއި ފިރިމީހާ ހައްޔަރުކޮށްފައި ވަނީ އެތަނަށް ދިޔަ ފުލުހުނަށް ނުކިޔަމަންތެރިވީ ކަމަށް ބުނެ ކަމަށް ހިސާން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ފިރިމީހާ ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރި އިރު އޭނާ ބިންމައްޗަށް ވައްޓާލާފައިވާ ކަމަށެވެ. އަދި ހިސާން ހައްޔަރު ކުރީ ހައްޔަރު ކުރީ އޭނާގެ ފިރިމިހާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަން ފޯމް ހުށަހެޅި ފަހުން ހިތަދޫ ޕޮލިސް ސްޓޭޝަނުން ކަމަށެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ހިސާން އާއި އޭނާގެ ފިރިމީހާގެ އާއި އިތުރު ބަޔަކު ހައްޔަރުކޮށްފައި ވަނީ ރޭ އެ މީހުން ހިތަދޫ ފުއްޓަރު ފަރާތު ސަރަހައްދެއްގައި ބާބަކިއު ހަދަން ތިއްބައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގަ އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތް ޕެކެޓާ އެކު ރޭ ހަތް މީހަކު ހައްޔަރު ކުރި ކަމަށެެވެ. އެހެން ނަމަވެސް އެ މީހުންނާ ބެހޭ ތަފުސީލެއް ނުދެ އެވެ،
ފުލުހުން ބުނީ އެ މީހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 10:20 އެހާކަންހާ އިރު ހިތަދޫ ފުއްޓަރު ފަރާތް އަތިރިމަތީ ބާބުކިއު ހަދަން ގޮސް އުޅުނު ބަޔަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް މައުލޫމާތު ލިބިގެން އެ ސަރައްދުގައި ތިބި މީހުން ބަލައި ފާސްކު ރުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި އަދި އޭގެ ތެރެއިން ބައެއް މީހުން ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބަލައި ފާސް ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.