އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ހަޑަސްފީލްޑް ބައްދަލުކުރި މެޗު ޗެލްސީން 1-3 އިން ކާމިޔާބުކޮށްފިއެވެ. އަނިޔާގެ ސަބަބުން މޮރާޓާއަށް މިމެޗުން ފުރުސަތެއް ނުލިބި، އޭނާގެ ބަދަލުގައި ކުޅެން ނެރެފައިވަނީ ޕެޑްރޯއެވެ.
މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖަހާފައިވަނީ ބަކަޔޯކޯއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީގެ ފުޅާކުރީ ވިލިއަންގެ ގޯލަކުންނެވެ. ޗެލްސީގެ ފަހު ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅުގައެވެ. މިލަނޑަކީ ޕެޑްރޯ ޖެހި ލަނޑެކެވެ.
ހަޑަސްފީލްޑުގެ ހަމައެކަނި ލަނޑު މެޗު ނިމެން ކައިރިވެފައިވަނިކޮށް ޖަހާފައިވަނީ ލޯރެންޓް ޑިޕޮއިޓާއެވެ. ފޯވާޑެއް ނެތި ޗެލްސީން ކުޅުނު މިމެޗުގައި ރީތި ފުޓުބޯޅައެއް ފެނިގެން ގޮސްފައިވެއެވެ. ވިލިއަން އަދި ޕެޑްރޯ ދަނޑުގެ ދެ އަރިމަތިން ކުޅެފައިވާއިރު ހަޒާޑް ކުޅުނީ ސެންޓަ ފޯވާޑެއްގެ ރޯލުގައެވެ.
މިމޮޅާއެކު ޗެލްސީ ވަނީ ދެވަނައިގައި އޮތް މެން ޔުނައިޓެޑާއި ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް އަދިވެސް 11 ޕޮއިންޓުގެ ލީޑެއް އެއްވަނައިގައި އޮތް ސިޓީއަށް އެބައޮތެވެ.