Last Updated: June 16, 06:39
Tuesday, June 16, 2026
ޚަބަރު

ރާޅު އެދުރު އެނބުރި އައްޑު އަށް

މީގެ ދެ އަހަރު ކުރިން އައްޑޫ ސިޓީން ފެށި ރާޅު އެދުރު ރާއްޖެ ޓުއާ އަނެއްކާ ވެސް އައްޑު އަށް އަތުވެއްޖެ އެވެ.

މުޅި ރާއްޖޭގައި ކުޑަކުދިންނާއި ބޮޑެތި މީހުނަށް ވެސް ރާޅާ އަޅަން ދަސްކޮށްދީ، ކުޅިވަރަށް ހޭނުވުމުގައި މަސައްކަތް ކުރަމުން އަންނަ ރާޅު އެދުރު މިފަހަރު އައްޑޫގައި 32 ކުދިންނަށް ރާޅާ އެޅުމަށް ތަމްރީނު ދެމުން އެބަގެންދެ އެވެ.

އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މިޕްރޮގްރާމަކީ މިމަހުގެ 10-15 އަށް ހަންކެޑެ ސަރަހައްދުގައި ކުރިއަށްދާ ޕްރޮގްރާމެކެވެ.

ރާޅު އެދުރުގެ ފަރާތުން "އައްޑޫލައިވް" އަށް ބުނީ މި ފަހަރުގެ "ރާޅަބިސް" ޕްރޮގްރާމްގައި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ބައިވެރިން ވަނީ ޕްރޮގްރާމުގެ ފުރަތަމަ ދުވަހު ތިލަ ސަރަހައްދުގައި ސާފް ބޯޑު މަތީގައި އޮންނަން ދަސްކޮށްފަ އެވެ.

އަދި ދެވަނަ ދުވަހު ރާޅާ އެޅުމަށް ކޮންމެވެސް ވަރަކަށް ދަސްވެފައިވާ ކަމަށް ރާޅު އެދުރުން މައުލޫމާތު ދީފައިވެ އެވެ. ކޮންމެ ދުވަހަކު ވެސް ބައިވެރިން އަންނަނީ މޫދު ސަރަހައްދު ސާފުކޮށް ބެހެއްޓުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.

ސީ ސްޕޯޓްސް އަދި ވޮލްކޮމް ރީފްގެ އެހީއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް ރާޅާ އަޅަން، ރާޅު އެދުރުން އަންނަނީ ދަސްކޮށް ދެމުންނެވެ.

މިއީ އޭގެ އަށްވަނަ ޕްރޮގްރާމެވެ. ރާޅު އެދުރުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދިން މޫދާއި ރައްޓަހިކޮށް ރާޅާ އެޅުމަށް ތައާރަފް ކުރުމެވެ.