Last Updated: June 16, 06:39
Tuesday, June 16, 2026
ޚަބަރު

"އެލްޖީއޭގެ ނިންމުމަކީ ޑިމޮކްރަސީއަށް ހުރަހެއް"

އެމެރިކާ ސަފީރު އައްޑޫ އަށް ވަޑައިގެން މޭޔަރ ސޯބެއާއި ބައްދަލުކުރައްވަނީ-

ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ކައުންސިލަރުން، ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމާއަތްތަކާއި ބައްދަލުކުރާނަމަ ހާއްސަ ހުއްދައެއް ހޯދަން ލޯކަލް ގަވަމެންޓް އޮތޯރިޓީއިން ނިންމުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އެޅުނު ހުރަހެއް ކަމަށް އެމެރިކާއިން ރާއްޖެއާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އާތުލް ކެޝަޕް ވިދާޅުވެއްޖެއެވެ.

ސަފީރު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބޭރުގެ ޑިޕްލޮމެޓުންނާއި ކައުންސިލަރުންނާއި ބައްދަލުކުރުމަށް ޚާއްސަ ހުއްދައެއް ނަގަން ޖެހުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އެޅުނު އިތުރު ހުރަހެއް ކަމަށާއި އޭގެ ސަބަބުން ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ދަތިވާނެ ކަމަށެވެ.

އަދި އެނިންމުމަކީ ކޮން ގޮތަކަށް ނިންމި ނިންމުމެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އެލްޖީއޭއިން މިގޮތަށް ނިންމާފައިވަނީ އިނގިރޭސި ވިލާތުން ރާއްޖެއާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ޖޭމްސް ޑޯރިސް ތިނަދޫ ކައުންސިލަރުންނާއި ބައްދަލު ކުރައްވަމުން ގެންދަވަނިކޮށެވެ.

ހޯމަ ދުވަހު އިނގިރޭސި ސަފީރު ތިނަދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވާފައިވާއިރު އެލްޖީއޭއިން މިގޮތަށް ނިންމާފައިވަނީ ހަމަ އެދުވަހުގައެވެ. އެ ނިންމުމާ ގުޅިގެން ޑޯރިސް ވަނީ އެއީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް ސިފަކޮށްފައެވެ.

އެލްޖީއޭއިން ބުނެފައިވަނީ އެގޮތަށް ނިންމީ، ކައުންސިލަރުން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރުމުން ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުތަކަށް ފުށޫ އަރާފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އެހެންކަމުން މިހާރު ބޭރުގެ ޑިޕްލޮމެޓުންނާއި އެންޖީއޯ އަދި ބޭރުގެ ޖަމާއަތްތަކާއި ކައުންސިލްތަކުން ބައްދަލުކުރަން ބޭނުުންވާ ނަމަ ފުރަތަމަ އެލްޖީއޭއަށް ލިޔުމުން އެކަން އަންގަން ޖެހެއެވެ. ދެން އެލްޖީއޭއިން އެކަން ހޯމް މިނިސްޓްރީއަށް އެންގުމުން ހޯމް މިނިސްޓްރީއަށް ބައްދަލު ކުރަން ފުރުސަތު ދޭން ފެންނަ ކަމަށްވާ ނަމަ ލިޔުމެއް އަރުވާނެއެވެ. އެ ލިޔުން ލިބުމުން ނޫނީ ބޭރުގެ ޑިޕްލޮމެޓުންނާއި ކައުންސިލްތަކަށް ބައްދަލުނުކުރެވޭނެއެވެ.