ޑްވޭން ޖޯންސަން ނުވަތަ މަޝްހޫރު ނަމުން ނަމަ "ދަ ރޮކް" އަށް އަނެއްކާވެސް އަންހެން ކުއްޖަކު ލިބެނީ އެވެ.
ޑްވޭން ޖޯންސަން އިއުލާންކޮށްފައިވާ ގޮތުގައި އޭނާގެ ލޯބިވެރިޔާ ލޯރެން ހަޝިއަން އިނީ އެ ދެ މީހުންގެ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ.
މި ޚަބަރު އޭނާ އާންމުންނާ ހިއްސާކޮށްފައި ވަނީ އިންސްޓަގްރާމްގައި އޭނާގެ ފުރަތަމަ ދަރިފުޅު ކަމުގައިވާ އެއް އަހަރުގެ ޖޭސްމިންގެ ފޮޓޯއަކާ އެކު ގައެވެ.
ޑްވޭން އާއި ލޯރެން އަށް ޖޭސްމިން ލިބިފައި ވަނީ އެކުގައި 8 އަހަރު އުޅުމަށްފަހު 2015 ވަނަ އަހަރު އެވެ.
އުމުރުން 45 އަހަރުގެ ޑްވޭންގެ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ވެސް ހުރެއެވެ. ސޯޅަ އަހަރުގެ ސައިމޯން ލިބިފައި ވަނީ ޑްވޭން އާއި އޭނާގެ ކުރީގެ އަނބިމީހާ ޑޭނީ ގާސިއާ އަށެވެ.