ޕޮޕް ލަވަކިޔުންތެރިޔާ ސެލީނާ ގޮމެޒްގެ މުޅިން އާ އަލްބަމްއެއް އަންނަ އަހަރު ރިލީޒް ކުރާނެކަން އޭނާ ކަށަވަރުކޮށްދީފި އެވެ.
ނިކް ގްރިމްޝޯ ހޯސްޓްކުރާ ޝޯއަކަށް އިންޓަވިއު ދެމުން ސެލީނާ ބުނި ގޮތުގައި ހަމަ ޔަޤީނުން ވެސް އޭނާ ދަނީ އާ އަލްބަމެއްގެ މަސައްކަތް ކުރަމުން ކަމަށާއި، ވަރަށް އަވަހަށް އެ އަލްބަމް އާންމުންނާއި ހަމައަށް އަންނާނެ ކަމަށެވެ.
ސެލީނާ ބުނީ މިއަހަރު ދިޔަ ގޮތް އޭނާގެ ފޭނުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، އޭނާއަށް މުހިންމުވީ ޗާޓްތަކާއި ނަންބަރުތަކެއް ނޫން ކަމަށާއި، މުހިންމީ އޭނާގެ މިއުޒިކްގެ އުފެއްދުންތެރިކަން ކަމަށެވެ.
ސެލީނާ ވަނީ މި އަހަރުގެ ތެރޭގައި ގިނަ ލަވަތަކެއް ރިލީޒްކޮށްފަ އެވެ. އޭގެ ތެރޭގައި "ބޭޑް ލަޔާ"، "ފެޓިޝް" އަދި "ވުލްވްސް" ހިމެނެއެވެ.
އެހެންނަމަވެސް އޭނާ ފުލް އަލްބަމެއް އެންމެ ފަހުން ނެރެފައި ވަނީ 2015 ވަނަ އަހަރު އެވެ. "ރިވައިވަލް" ގައި ޖުމްލަ 11 ލަވަ ހިމެނުނުއިރު، އޭގެ ތެރެއިން އެންމެ މަޝްހޫރުވެގެން ދިޔަ ލަވަތަކުގެ ތެރޭގައި "ގުޑް ފޯ ޔޫ" ހިމެނެއެވެ.