Last Updated: June 16, 06:39
Tuesday, June 16, 2026
ޚަބަރު

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް: ރިޔާޒް

ފޮޓޯ - އަވަސް

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެއް ކެންޑިޑޭޓަކު ނެރެން ތާއީދުކޮށްފައިވާއިރު އިއްތިހާދުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ވިސްނުން ހުރީ ކެންޑިޑޭޓަކަށް އެޕާޓީގެ ލީޑަރު، ހޮނަރަބަލް ގާއިމް އިބްރާހިމް ހެދުމަށް ކަމަށް ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ކައުންސިލް މެމްބަރުންނާއެކު އެޕާޓީގެ މައި ހަރުގެ، މ. ކުނޫޒްގައި ބޭއްވި ބައްދަލުވުމެއްގައި ރިޔާޒް ވިދާޅުވެފައިވަނީ ޕާޓީގެ ހުރިހާ މެމްބަރުންވެސް އެދެނީ ގާސިމް އިބްރާހިމް އިންތިޚާބުގައި ވާދަކުރުން ކަމަށެވެ. އެހެންކަމުން ގާސިމަށް އިންތިޚާބުގައި ކުރިމަތިލެވޭނެ ގޮތް ހެދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ރިޔާޒް ވަނީ މެމްބަރުންނަށް އަރުވާފައެވެ.

ނަމަވެސް ގާސިމް ހުރީ ވާދަނުކުރައްވައި، ފަހަތަށް ޖެހިވަޑައިގަނަވަން ޖެހިއްޖެ ހާލަތެއްގައި ގައުމުގެ މަސްލަހަތަށްޓަކައި އެކަން ކުރެއްވުމަށްވެސް ތައްޔާރަށް ކަމަށް ރިޔާޒް ވިދާޅުވެފައިވެއެވެ. އަދި އިއްތިހާދުގެ އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީއަށް ވެފައި އެމްޑީޕީގެ މެމްބަރު ނަޝީދު ކެންޑިޑޭޓަކަށް ނެރުއްވުމަށް ތާއީދުކުރާ ކަން ޖޭޕީން ބަލައިގަންނަ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުންގެ ވިސްނުމަށް އިހުތިރާމު ކުރާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުން މަޝްވަރާކޮށްގެން ނިންމާ ކޮންމެ ނިންމުމަކަށް ޖޭޕީން ތާއީދުކޮށް، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުގައިވެސް އިއްތިހާދާ އެކުގައި ތިބޭނެ ކަމަށް ރިޔާޒް ވަނީ އަނެއްކާވެސް ވިދާޅުވެފައެވެ.

ޖޭޕީގެ އިތުރުން އިއްތިހާދުގައި ދެން ހިމެނޭ ޕާޓީ، އަދާލަތު ޕާޓީންވެސް ވަނީ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ނަމަވެސް ރައީސް މައުމޫން ވަނީ އެންމެ ފަހަކަށް ކެންޑިޑޭޓާ ބެހޭ ގޮތުން ސުވާލު ކުރުމުން އަދި އެކަމާއި ވިސްނަން މާ އަވަސް ކަމަށް ވިދާޅުވެ ސީދާ ޖަވާބެއް ދެއްވަން ދެކޮޅު ހަދާފައެވެ.

ކުރީގެ ރައީސް ނަޝީދު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށްވެސް ގާނޫނު އަސާސީ ބުނާގޮތުން، އަންނަ ރިޔާސީ އިންތިޚާބުގައި ބައިވެރިނުވެވޭނެއެވެ. ރައީސް ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވެވިފައެވެ. އަދި ގާސިމް އިބްރާހިމަށް ވަނީ 3 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން އުމުރުން 65 އަހަރުން މަތިވުމާއެކު އިންތިޚާބަށް ވާދަކުރުމުގެ ޝަރުތު ހަމަނުވާ ލިސްޓަށް އިތުރުވެފައެވެ.