ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައާ ނުލާ ގއ. އަތޮޅުގެ ކައުންސިލަރުން އިންޑިޔާ ސަފީރާ ބައްދަލުކުރުމުން ހުރިހާ ކައުންސިލަރުން ތިން މަހަށް ސަސްޕެންޑްކޮށްފި އެވެ.
އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އަކިލޭޝް މިޝްރާއާ ބައްދަލުކުރުމުން އެލްޖީއޭއިން އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކައުންސިލަރުން ތިން މަހަށް ސަސްޕެންޑު ކޮށްފައިވަނީ މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ކަމަށެވެ.
އަދި ހިދުމަތެއް ހޯދަން ނޫން ކަމެއްގައި އޮފީހަށް ހާޒިރުވުމާއި ކައުންސިލް އިދާރާގެ ވަސީލަތްތައް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި އަންގާފައިވެއެވެ.

އެލްޖީއޭއިން ހޯމަ ދުވަހު ވަނީ ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތައް ހިމާޔަތް ކުރުމުގެ ނަމުގައި ބޭރުގެ ޑިޕްލޮމެޓުންނާއި ބޭރުގެ ޖަމާއަތްތަކާއި ކައުންސިލުތަކަށް ބައްދަލުކުރެވޭނީ އެލްޖީއޭއަށް އެކަން ލިޔުމުން ހުށައެޅުމަށްފަހު ހޯމް މިނިސްޓްރީން ދެވޭ ޚާއްސަ ހުއްދައެއް ލިބިގެން ކަން އަންގާފައެވެ.
އަދި އެގޮތަށް އަމަލު ނުކުރާ ކައުންސިލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެލްޖީއޭއިން އަންގާފައިވެއެވެ.
It was a great pleasure to welcome H. E Mr. Akhilesh Mishra. The Indian Ambassador to Maldives Varah Bodah Shukriya for the visit to North Huvadhoo Atoll@AkhileshIFS pic.twitter.com/raqwRc9XTD
— Ahmed Fuaad (Ford) (@ahumadfuad) December 11, 2017
ގއ. އަތޮޅު ކައުންސިލަކީ އެމްޑީޕީ މެމްބަރުން ތަމްސީލު ކުރާ ކައުންސިލެކެވެ. އެލްޖީއޭއިން މިގޮތަށް ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހު އިނގިރޭސި ސަފީރާއި ތިނަދޫ ކައުންސިލަރުން ބައްދަލުކުރައްވާފައިވަނިކޮށެވެ.
އިނގިރޭސި ސަފީރު ވަނީ އެނިންމުމުގެ ސަބަބުން ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާ ސަފީރު ވަނީ ސަރުކާރުގެ ނިންމުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އެޅުނު ހުރަހެއް ކަމަށް ބުނެފައެވެ.