ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދައިގެން ނޫނީ ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމާއަތްތަކާ ކައުންސިލްތަކަށް ބައްދަލުނުކުރެވޭނެ ކަމަށް އަންގައި ސާކިއުލާ ނެރުނީ އިންޑިޔާ ސަފީރާއެކު ބައްދަލުވުން ފެށުނު ފަހުން ކަމަށް މިއަދު ސަސްޕެންޑުކުރި ގއ. އަތޮޅު ކައުންސިލްގެ ރައީސް، އަހުމަދު ފުއާދު ވިދާޅުވެއްޖެ އެވެ.
އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރުމުގެ ސަބަބުން މިއަދު ގއ. ކައުންސިލްގެ ހުރިހާ ކައުންސިލަރުން ތިން މަސް ދުވަހަށް އެލްޖީއޭއިން ސަސްޕެންޑުކޮށް، މަސައްކަތް ކައުންސިލްގެ ޒިންމާދާރުވެރިޔާއާ ހަވާލުކޮށްފައިވާއިރު ތިން މަސް ދުވަސް ވަންދެން ތިން ކައުންސިލަރުންގެ މުސާރައާއި އިނާޔަތް ކަނޑައި، ހިދުމަތެއް ހޯދުމުގެ ބޭނުމުގައި ނޫނީ އޮފީހަށްވެސް ނާދެވޭނެ ކަމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.
މިކަމާއި ގުޅިގެން ގއ. ކައުންސިލްގެ ރައީސް "ވީނިއުސް" އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އިއްޔެ އިންޑިޔާ ސަފީރު ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލަރުންނާއި ބައްދަލުކޮށްފައިވާ ކަމަށާއި، ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރުމަށް ހުއްދަ ހޯދަން ޖެހޭނެ ކަން އަންގައި އެލްޖީއޭއިން ސާކިއުލާ ނެރުނީ ސަފީރުގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ކަމަށެވެ.
އަދި އެ ސާކިއުލާ ކައުންސިލަށް ލިބުނުއިރު ބައްދަލުވުން ނިމިފައިވާ ކަމަށްވެސް ފުވާދު އިތުރުކޮށްފައިވެއެވެ. އެހެންކަމުން ސާކިއުލާއެއް ނުނެރެނީސް ހުއްދައަށް އެދޭނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. ބޭރުގެ ފަރާތްތަކާއި ބައްދަލުކުރާނަމަ އެކަން އެންގުމަށް އެލްޖީއޭއިން އަންގާފައިވާ ކަމަށާއި އެގޮތަށް އަމަލުކޮށްފައިވާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.
އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބޭރުގެ ޑިޕްލޮމެޓުންނާއި ބޭރުގެ އެކިއެކި ޖަމާއަތްތަކާއި ކައުންސިލްތަކުން ބައްދަލުކުރާ ނަމަ ފުރަތަމަ އެކަން ލިއުމުން އެލްޖީއޭއަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް އެންގުމުން އެލްޖީއޭއިން އެލިޔުން ހޯމް މިނިސްޓްރީއަށް ހުށައެޅުމުން، ހޯމް މިނިސްޓްރީއިން ނެރޭ ޚާއްސަ ހުއްދައަކަށް ފަހުގައި ނޫނީ ކައުންސިލްތަކަށް އެފަރާތްތަކާއި ބައްދަލުކުރުމުން ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ މަނާކޮށްފައެވެ. އެގޮތަށް އަމަލު ނުކުރާ ކައުންސިލްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެލްޖީއޭއިން ވަނީ އިންޒާރުދީފައެވެ.