Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މުޖުތަމައު ތެރެއިން: ވެއްޔާއި އަކިރި ނެގުން އިތުރު ވަނީ

އައްޑޫގެ އަވަށްތަކުގެ ގޮނޑުދޮށުން ވެލި އާއި އަކިރި ނަގާ މައްސަލަ އަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ގިނަ އަދަދަަކަށް ވެލި ނަގަމުންދާތީ ބައެއް ސަރަހައްދުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި ގިރުމުގެ މައްސަލަ ވެސް ވަރަށް ބޮޑަށް ދިމާވެފައިވެ އެވެ.

އައްޑޫގައި އިމާރާތް ކުރުމަށް ބޭނުންވާ ވެލި ނެގުމުގެ ވިޔަފާރި ހިންގާ އެތައް ބަޔަކު އުޅޭ އިރު އެއީ ކޮން ބައެއް ކަމާއި އެކަން ކުރާ ގޮތަކީ ވެސް އެންމެ ދަންނަ ބޮޑު ސިއްރެކެވެ. ތިމާވެއްޓަށް ގެއްލުން ވިޔަސް ވަރިހަމަ ވެގެން ތިބެވެނީ އެވެ.

އެހެން ނަމަވެސް އެއީ ހުރިހާ އެންމެންގެ ގޮތެއް ނޫނެވެ. ހިތަދޫ އަވަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގަމުން ގެންދާ ދިމާލެއްގެ ފޮޓޯ ސޯޝަލް މީޑިޔާގައި ހިއްސާކުރުމަށް ފަހު އާއްމު ރައްޔިތަކު މިވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވެލި ނެގުމުގެ ސަބަބުން ގިރުމުގެ މައްސަލަ ދިމާވެފައިވާ ސަރަހައްދެއްގެ ފޮޓޯ އާއި އެކު އޭނާގެ ޝުޢޫރު ފާޅުކޮށްފައިވަނީ ވަރަށް ކުރުކޮށްނެވެ. އެހެން ނަމަވެސް އޭގެ މާނަ އާއި ބުނެދޭން ބޭނުންވި މެސެޖް ވަރަށް ސާފެވެ.

"އައްޑޫގެ ނާޒުކު ތިމާވެށި. ވެލި އަކިރި ނެގުން އިތުރުވަނީ."

ވެލި ނެގުމުގެ ސަބަބުން އައްޑޫގެ އެކި ހިސާބުތަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ.