Last Updated: June 16, 06:39
Tuesday, June 16, 2026
ކުޅިވަރު

ލުކާކޫ ގޯލުން ޔުނައިޓެޑަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތް ބައްދަލުކުރި މެޗު 0-1 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 25 ވަނަ މިނެޓުގައި ޖަހާފައިވަނީ ފޯވާޑް ރޮމެލޫ ލުކާކޫއެވެ. ފާއިތުވެދިޔަ ފަސް މެޗުގައި ލުކާކޫގެ ފަރާތުން ގޯލެއް ފެނިފައިނުވާތީ އޭނާއަށް ވަނީ ސަޕޯޓަރުންނާއި މީޑިޔާގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ލުކާކޫގެ އިތުރުން ޒުވާން ފޯވާޑް ރަޝްފޯޑް އަދި މާޝިއަލްއަށްވެސް ވަނީ ޔުނައިޓެޑުގެ ލީޑު ފުޅާކުރަން ފުރުސަތު ލިބިފައެވެ. ރަޝްފޯޑް އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއިން ވަނީ ރޭ ސްވެންސީ ބަލިކޮށް ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 15 މެޗުން މޮޅުވި ފުރަތަމަ ޓީމަށް ވެފައެވެ. 0-4 އިން ސިޓީ މެޗުން މޮޅުވެފައިވާއިރު އަނެއްކާވެސް 11 ޕޮއިންޓުގެ ލީޑެއް ތާވަލުގެ އެއްވަނައާ ދެވަނައާ ދެމެދު އެބައޮތެވެ.

ސިޓީގެ ލަނޑުތައް ފެނިގެން ގޮސްފައިވަނީ ޑޭވިޑް ސިލްވާ، ޑިބްރުއޭން އަދި އަގުއޭރޯގެ ފަރާތުންނެވެ. ސިލްވާ ވަނީ މިމެޗުގައި ދެލަނޑު ޖަހާފައެވެ.