Last Updated: April 20, 09:35
Saturday, April 20, 2024
ޚަބަރު

ދެކުނުގެ ދެ ރަށެއްގައި ޕައުޗް ޕްލާންޓް ހަދަނީ

ރާއްޖޭގެ ދެކުނުގައި ދެ ޕައުޗް ޕްލާންޓް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް މިފްކޯ އިންބުނެފި އެވެ.

ނަމަވެސް ޕައުޗް ޕްލާންޓް އަޅާނީ ދެކުނު ކޮން ރަށްތަކެއްގައި ކަމަށް މިފްކޯ އިން ނުބުނެ އެވެ. އެ ކުންފުނިން ބުނީ ރަށްތައް ފަހުން އިޢުލާން ކުރާނެ ކަމަށެވެ.

ދެކުނުގައި ޕައުޗް ޕްލާންޓްތަކެއް ގާއިމު ކުރާނެ ކަމަށް މިފްކޯ އިން ބުނި އިރު، އައްޑޫގައި ގާއިމި ކުރަން 2016 ގައި މަސައްކަތް ފެށި މަސް ފެކްޓްރީ ވެސް އަދިވެސް ވުޖޫދަށް ގެނެވޭ ގޮތެއް ނުވެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާނެ އެވެ.

މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ، ދެކުނުގައި ތަރައްގީ ކުރާނީ ދުވާލަކު 25 ޓަނުގެ މަސް ބަންދު ކުރެވޭ ވަރުގެ ޕައުޗް ޕްލާންޓުތަކެއް ކަމަށެވެ.

އަދި މި ޕްލާންޓްތަކުގެ މަސައްކަތް އަންނަ މަހު ފެށުމަށް މަސައްކަތް ކުރަމުންދާއިރު، އަމާޒަކީ އަންނަ އަހަރުތެރޭ އެ ޕްލާންޓުތަކުގައި މަސް ބަންދުކޮށް ބޭރު ޤައުމުތަކަށް އެކްސްޕޯޓު ކުރަން ފެށުން ކަމަށް ވެސް ވިދާޅުވި އެވެ.

މިފްކޯއިން މިހާރުވެސްވަނީ ޅ. ފެލިވަރުގައި ޕައުޗް ޕްލާންޓެއް ތަރައްޤީކޮށްފަ އެވެ. އެ ޕްލާންޓުގެ މަސައްކަތް ނިންމައި މި މަހުގެ ތެރޭގައި ޕައުޗްގައި މަސް ބަންދުކުރުމުގެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް މިފްކޯ އިން ބުންޏެވެ.