Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

އަވަށު ބޯޑު މައްސަލައިގެ ފުރަތަމަ އަޑު އެހުން ކެންސަލް

އައްޑޫ ސިޓީ ކައުންސިލުން އުފެއްދި އަވަށު ބޯޑުތައް އުފައްދާފައި ވަނީ "ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކަމަށް ބުނެ އަވަށު ބޯޑުތައް އުވާ ދިނުމަށް އެދި ކައުންސިލާއި ދެކޮޅަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހެދުނު 10 ޖެހި އިރު ބާއްވަން ޝެޑިއުލްކޮށްފައި ވަނިކޮށް ކައުންސިލުން ހާޒިރު ނުވެގެން ކެންސަލް ކޮށްފި އެވެ.

ސ. ހިތަދޫ ނޫރު ވާދީ، އިބްރާހިމް ރަޝީދު ވަޖުދީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ހުށަހެޅި މި މައްސަލައިގެ ފުރަތަމަ އަޑު އެހުމަށް ކައުންސިލުން ހާޒިރު ނުވުމުން އެ މައްސަލަ ވަނީ އަންނަ ހަފްތާގެ ދުވަހަކަށް ލަސްކޮށްފަ އެެވެ.

މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިބްރާހިމް ރަޝީދު މިއަދު "އައްޑޫ ލައިވް"ށް މައުލޫމާތު ދެމުން ވިދާޅުވީ ސިޓީ ކައުންސިލްގެ ފަރާތުން ކޯޓަށް ހާޒިރުވާން ޖެހޭ އެތަނުގެ ލިގަލް އޮފިސަރު ގްރެޑުއޭޝަނަށް މާލެ ގޮސްފއިވުމުގެ ސަބަބުން މައްސަލަ މިއަދު ކެންސަލް ކުރި ނަމަވެސް އަންނަ ހަފްތާގައި އޭގެ ފުރަތަމަ އަޑު އެހުން ބޭއްވޭނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އަވަށު ބޯޑުތައް އުފެއްދި މައްސަލަ އެންޓި ކަރޮޕްޝަން ކަމިޝަން (އޭސީސީ) އިން ބަލައި އެއީ ގާނޫނާ ހިލާފަށް ހަދާފައިވާ ބޯޑުތަކެއް ކަމަށް ވަނީ ނިންމާފަ އެވެ. އަދި އެ މައްސަލާއި ގުޅިގެން ކައުންސިލްގެ ވަކި ވަކި މެމްބަރުންނާއި، މޭޔަރުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ވަނީ ޕީޖީއަށް މައްސަލަ ވައްދާފަ އެވެ.

ނަމަވެސް އަދި މިހާތަނަށް ކައުންސިލުން އަވަށު ބޯޑުތައް އުވާލުމަށް އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ.