Last Updated: June 16, 06:39
Tuesday, June 16, 2026
ކުޅިވަރު

ވެސްޓް ހެމް އަތުން އެއްވަރުވެ އާސެނަލް 7 ވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހެމް ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މިނަތީޖާއާއެކު އާސެނަލް މިހާރު ވަނީ ލީގު ތާވަލުގެ ހަތްވަނަ އަށް ވެއްޓިފައެވެ. ފޯވާޑް ލަކަޒެޓްގެ ބަދަލުގައި ޖިރޫ ކުޅެން ނެރުނު މިމެޗުގައި އާސެނަލްއަށް ވަނީ ގިނަ ފުރުސަތުތަކެއް ގޯލު ޖަހަން ލިބި، ބޭކާރުވެފައެވެ. ޖިރޫގެ އިތުރުން އޮޒިލްއާއި ވިލްޝެއާއަށްވެސް ރޭގެ މެޗުގައި ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ވެސްޓް ހެމުން ހަފްތާ ބަންދުގައި ޗެލްސީ ބަލިކޮށް އާސެނަލްއާ ދެކޮޅަށް ނިކުމެ، ރޭގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ވެސްޓް ހެމްގެ އާނޯޓްރޮވިޗް ޖެހި ގޯލެއް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ރޭ ލިވަޕޫލާއި ވެސްޓް ބްރޮމް ކުޅުނު މެޗުވެސް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އާދީއްތަ ދުވަހު ލިވަޕޫލާއި އެވަޓަން ކުޅުނު މެޗު 1-1 އިން އެއްވަރުވުމަށްފަހު އަނެއްކާވެސް އެއްވަރުވުމުން ލިވަޕޫލްގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ރެފްރީގެ ނިންމުންތަކަށް އަނެއްކާވެސް ފާޑުކިޔާފައެވެ. ނަމަވެސް ވެސްޓް ބްރޮމްގެ ކޯޗު ޕާޑިއުވަނީ ރެފްރީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނެ ތައުރީފް ކޮށްފައެވެ.

ލިވަޕޫލް އެއްވަރުވެ 31 ޕޮއިންޓު ލިބިފައިވާއިރު އޮތީ ލީގު ތާވަލުގެ 5 ވަނައިގައެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމް އަދި ހަވަނައިގައި އޮތް ބާންލީއަށްވެސް ލިބިފައިވަނީ 31 ޕޮއިންޓެވެ. އާސެނަލްއަށް ލިބިފައިވަނީ 30 ޕޮއިންޓެވެ.