Last Updated: June 16, 06:39
Tuesday, June 16, 2026
ޚަބަރު

ފާރިސްގެ ހައްގުތައް ވަނީ ނިގުޅައިގެންފައި: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކޮށްފައި ހުރިތާ މިއަދަށް 150 ދުވަސްވުމާ ގުޅިގެން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށް، ފާރިސް ވަގުތުން މިނިވަން ކުރުމަށް ގޮވާލައި ބަޔާނެއް ނެރެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށައެޅި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހ ފާރިސް ދިރިއުޅުއްވި ގެ، ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރުމަށް ފަހުގަ އެވެ. އަދި ފާރިސްގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއެވެ.

މިއަދާ ހަމައަށް 150 ދުވަސް ވެފައިވާއިރު ފާރިސްގެ މައްސަލާގައި ދައުލަތުގެ އެކި މުއައްސަސާތަކުން އަމަލު ކުރަމުންދާ ގޮތުން ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އަސާސީ އެތައް ހައްގެއް ފާރިސްގެ ކިބައިން ނިގުޅައިގަނެވިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރެއެވެ.

ޝަރީއަތުން ކުށެއް ސާބިތުވެފައިނުވާއިރު ފާރިސް ޖަލުގައި ހުންނަވާތާ 150 ވެފައިވާއިރު އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށައަޅާފައިވާތާ ވެސް މިހާރު ފަސް މަސް ދުވަސް ވެފައިވާކަން އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެމައްސަލައަށް ތަފާތު އެކި ގޮތް ގޮތުން ހުރަސް އެޅިފައިވާތީ އިންސާފު ލިބުމަށް ހުރަސް އެޅިފައިވާ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން ފާރިސްއާ ދެކޮޅަށް ތުހުމަތުކޮށްފައިވާ މައްސަލާގައި މިހާތަނަށް ހާމަވެފައިވާ ހަގީގަތްތަކަށް ބެލުމުން އެއީ ވަކި ބަޔެއްގެ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް އުފުލާފައިވާ ހައްގު ނޫން ދައުވާއެއް ކަމަށް އިދިކޮޅުން ބުނެފައިވެއެވެ. އަދި ފާރިސްގެ މައްޗަށް ހިނގަމުންދާ ބޭއިންސާފު ނިމުމަކަށް ގެނެސް، މިހާރުން މިހާރަށް ފާރިސް މިނިވަން ކުރުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.