Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

ޖަޒީރާ ބަލިކޮށް ރެއާލް، ކުލަބް ވޯލްޑް ކަޕް ފައިނަލަށް

ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޔޫރޮޕިއަން ޗެމްޕިއަން ރެއަލް މެޑްރިޑާއި ޔޫއޭއީގެ އަލް ޖަޒީރާ ބައްދަލުކުރި މެޗު 1-2 އިން ރެއާލް ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޖަޒީރާއިން ލީޑު ނަގާފައިވާއިރު ރެއާލްއިން ލަނޑު ޖަހާފައިވަނީ ފަހު ހާފުގައެވެ. ނަމަވެސް ފުރަތަމަ ހާފުގައިވެސް މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ރެއާލްއެވެ. ޖަޒީރާ އިން ލަނޑު ޖެހީ ކަސެމީރޯ ހެދި ގޯހެއްގެ ފައިދާ ނަގައިގެން ރޮމާރީނިއޯއެވެ.

ރެއާލްގެ ލަނޑުތައް ފަހު ހާފުގައި ޖަހާފައިވަނީ ރޮނާލްޑޯ އަދި ބޭލްއެވެ. 53 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުން މޮޅުވި ލަނޑު ބޭލް ޖަހާފައިވަނީ 83 ވަނަ މިނެޓުގައެވެ.

މިމޮޅާއެކު ރެއާލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު ފައިނަލުގައި ރެއާލް ކުޅޭނީ ބްރެޒިލްގެ ގްރެމިއޯއާ ދެކޮޅަށެވެ.