ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކ. ގުރައިދޫއިން މަސްތުވާތަކެއްޗާއެކު އަށާރަ އަހަރު ނުފުރޭ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތެއްގެ ދަށުން ގުރައިދޫގައި ހިންގި މިއޮޕަރޭޝަނުގައި ކުޑަކުއްޖާ އަތުލައިގެންފައިވަނީ ރޭ 22:50 އެހާކަށްހާއިރެވެ. އަދި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފުލުސް އޮފީހަށް ހާޒިރުކުރަން ދިޔަ މަގުމަތީގައި އޭނާގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓުތަކެއް ބިންމައްޗަށް ވައްޓާލާފައެވެ.
ފުލުހުން ބުނެފައިވަނީ އޭނާގެ ޖީބުން މިބާވަތުގެ އެއްޗެހި އަޅާފައިހުރި ފަސް ރަބަރު ޕެކެޓު ވައްޓާލާފައިވާ ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ކަނޑައެޅުމަށް އެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ގާޒީ ވަނީ ގޭބަންދުގައި 15 ދުވަސް ވަންދެން ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ.
މިމައްސަލަ މިހާރު ގުރައިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ދާދި ފަހުންވެސް ފުލުހުން ވަނީ ކ. މާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހުއްޓުވައި، މަސްތުވާތަކެތި އަތުލައިގެންފައެވެ.