Last Updated: June 16, 06:39
Tuesday, June 16, 2026
ޚަބަރު

އުމަރު ޖޭޕީއާ ގުޅިވަޑައިގެންފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައި މިއަދު އެ ޕާޓީއާ ރަސްމީކޮށް ގުޅިވަޑައިގެންފި އެވެ.

މިއަދު ޖުމުހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތަކަށްފަހު އުމަރު ވަނީ ފޯމުގައި ސޮއިކުރައްވައި، ޖޭޕީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާ ފޯމު ހަވާލުކޮށްފައެވެ.

އުމަރު މިއަދު ޖޭޕީއަށް ސޮއިކުރައްވާފައިވަނީ އެޕާޓީއާ ގުޅެން އުޅޭ ކަމަށް މިދިޔަ ހަފްތާ ތެރޭ އެންގުމަށް ފަހުގައެވެ. އުމަރު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރިމަތިލެވޭ ގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމަސައްކަތް ނާކާމިޔާބުވެއްޖެނަމަ ޖޭޕީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.

އަދި އެކަން ވަނީ ޖޭޕީގެ ލީޑާޝިޕަށް އަންގާފައި ކަމަށްވެސް އުމަރު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު އިއްތިހާދުގެ ޕީޕީއެމްގެ މެމްބަރު، މުހައްމަދު މުސްތަފާ ވަނީ ޖޭޕީއާ ގުޅުނަސް އުމަރަށް އިއްތިހާދުން ފުރުސަތެއް ނެތް ކަމަށް ސީދާ ވިދާޅުވެފައެވެ.

އުމަރު ވަނީ ދާދި ފަހުން އިންތިޚާބާއި ގުޅޭ މަޝްވަރާ ކުރުމަށް ލަންޑަނުގައި ދިރިއުޅުއްވާ މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. ޖަމީލާވެސް ބައްދަލުކޮށްފައެވެ.

ޖޭޕީއާއި ގުޅިވަޑައިގަތަސް އުމަރަށް ތާއީދު ކުރާ ކަމެއް ނުވަތަ ނޫން ކަންވެސް އިއްތިހާދުގައި ހިމެނޭ އެމްޑީޕީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.