ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އަންނަ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން އަދި ވަގުތު އެބައޮތް ކަމަށާއި ހުރިހާ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށް އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލަންކާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ކެންޑިޑޭޓަކު ނެރެން ވަގުތުކުޑަތަން ނުވާ ކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2013 ވަނަ އަހަރުގެ އިންތިޚާބަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރެން ބޭއްވި ޕްރައިމަރީތައް ބޭއްވި ތާރީޚު ހެކިދޭ ކަމަށެވެ.
ނަޝީދު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބަކަށް ދާއިރު އެންމެ މުހިންމު ކަމަކީ މިނިވަން ކަމާއެކު ވޯޓުލުމުގެ ހައްގު ކަށަވަރު ކުރުން ކަމަށެވެ.
އަދި އެކަމުގައި ބޭރުގެ ފަރާތްތަކުގެ މަސައްކަތް މުހިންމު ކަމަށާއި އިންތިޚާބުގައި ބޭރުގެ ފަރާތްތަކުގެ ރޯލު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފެނިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިހާރު މިހިނގާ ސަރުކާރަކީ ރައްޔިތުން އެދޭ ސަރުކާރެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ސިޔާސަތުތައް ދިވެހިންގެ ތެރޭގައި މަގުބޫލުކަމެއް ނެތް ކަމަށާއި ރައްޔިތުން އެދެނީ މިވެރިކަން ބަދަލުވުމަށް ކަމަށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން އިންތިޚާބު އިންސާފުވެރި އިންތިޚާބަކަށް ހެދުން މުހިންމު ކަމަށާއި އެކަން ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ބޭއްވުނު ފުރަތަމަ ވާދަވެރި، ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ނަޝީދު ވަނީ އަންނަ އިންތިޚާބުގައި ވެސް އެމަނިކުފާނަށް ވާދަ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މިސަރުކާރުގެ އިސް ބޭފުޅުން ވަނީ ގާނޫނު އަސާސީއާ އެއް ގޮތަށް ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް އިންތިޚާބުގައި ވާދަކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.