Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އިކްއެޓޯރިއަލް ބެޑްމިންޓަން ފިއެސްޓާ މާދަމާ ފަށަނީ

އައްޑޫ އިކްޓޯރިއަލް ބެޑްމިންޓަން ފިއެސްޓާގެ ނަމުގައި އައްޑޫގައި ކުރިއަށް ގެންދާ ބެޑްމިންޓަން ފެސްޓިވަލް މާދަމާ ހިތަދޫ ޔޫތު ސެންޓަރުގައި ފަށަން ނިންމައިފި އެވެ.

މައިގަނޑު ހަތަރު އިވެންޓެއް ކުރިއަށްދާ މި ފެސްޓިވަލް މާދަމާ ފެށޭއިރު މާދަމާ ކުރިއަށް ދާނީ ޕެރަ-ބެޑްމިންޓަން އިވެންޓެވެ. މި އިވެންޓަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން ބެޑްމިންޓަންއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިވެންޓެކެވެ.

މި މަހުގެ 15-24 އަށް ކުރިއަށްދާ މި ފެސްޓިވަލްގައި ހޮނިހިރު ދުވަހު ކުރިއަށް ދާނީ "ވިމެން އިން ބެޑްމިންޓަން" އިވެންޓެވެ.

މި އިވެންޓު އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ އިރު ތިން ތަނެއްގައި އިވެންޓު ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ހޮރައިޒަން އެކަޑަމީގައި ހޮނިހިރު ދުވަހު ހެނދުނު 08:00 އިން 10:00 އަށް އެއްބައި ކުރިއަށް ދާނެ އެވެ. އަދި ހަވީރު 16:00 އިން 18:00 އަށް ހިތަދޫ ޔޫތު ސެންޓަރުގައި މި އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު ރޭގަނޑު 8:00 އިން 22:00 އަށް އިވެންޓު ކުރިއަށް ދާނީ މަރަދޫފޭދޫ ޔޫތު ސެންޓަރުގަ އެވެ.

އައްޑޫ އިކުްޓޯރިއަލް ބެޑްމިންޓަން ފިއެސްޓާގެ ތިންވަނަ އިވެންޓަކީ އާދީއްތަ ދުވަހު ހިތަދޫ ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޝަޓްލް ޓައިމް" އިވެންޓެވެ. މި އިވެންޓަކީ ކުޑަކުދިން ބެޑްމިންޓަންއަށް ޝައުގުވެރި ކުރުމަށް ކުރެވިދާނެ ކަންތައް ދަސްކޮށް ދިނުމަށް، ބެޑްމިންޓަން ކޯޗުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ކޯހެކެވެ.

ފެސްޓިވަލްގެ އެންމެ ފަހު އިވެންޓަކީ މި މަހުގެ 18-24 އަށް ކުރިއަށްދާ އިވެންޓެވެ.

މި އިވެންޓަކީ ބީޑަބްލިއު އެފް ލެވެލް 1 ގެ ކޯޗިން ކޯހެކެވެ. މި ފެސްޓިވަލްގައި ކޯޗުކަންކޮށް ދެއްވާނީ ބެޑްމިންޓަން އޭޝިޔާގެ ދެކޯޗުންނާއި ޖަޕާނުގެ ދެ ކޯޗުންނެވެ.

މި ފެސްޓިވަލަކީ އައްޑޫ ސިޓީ ކައުންސިލާއި ހިތަދޫ ޔޫތު ސެންޓަރު އަދި މަރަދޫ ޔޫތު ސެންޓަރުގެ އިތުރުން އައްޑޫ ބެޑްމިންޓަން ކުލަބް އަދި ހޮރައިޒަން އެކަޑަމީގެ ޚާއްސަ އެހީއާއެކު ބޭއްވޭ ފެސްޓިވަލެކެވެ.