Last Updated: April 20, 18:41
Saturday, April 20, 2024
ދުނިޔެ

ފްރާންސްގެ ސްކޫލް ބަހެއް އެކްސިޑެންޓްވެ ދެބުރިވެއްޖެ

ފްރާންސުގެ ސްކޫލް ބަހަކާއި ރޭލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހަތަރު ކުއްޖަކު މަރުވެ، 18 ކުއްޖަކު ޒަޚަމްވެއްޖެއެވެ.

މިއެކްސިޑެންޓުގައި ސްކޫލު ބަސް ވަނީ ދެބުރިވެ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މަންޒަރު ދުށް ފަރާތްތަކުން "ބީބީސީ" އަށް ކިޔާދީފައިވާ ގޮތުގައި ރޭލުވޭއިން ބަސް ހުރަސް ކުރީ ރޭލު އަންނަނިކޮށެވެ.

ދެކުނު ފްރާންސުގައި ހިނގި މިހާދިސާގައި ބަހުގައި ދަތުރުކުރީ އެތާ ކައިރީ ސެކަންޑަރީ ސްކޫލެއްގެ ދަރިވަރުންތަކެކެވެ. ހަތަރު ކުއްޖަކު އެކްސިޑެންޓުގައި މަރުވެފައިވާއިރު ރިޕޯޓުތައް ބުނާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ކުދިން ވަނީ މަރުވެފައެވެ.

އިތުރު 18 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އެމީހުންނަށް ދަނީ އެމަޖެންސީގައި ފަރުވާ ދެމުންނެވެ. ނަމަވެސް ބަސް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

އޮފިޝަލުން ބުނަނީ މިހާރު ރޭލު ޓްރެކުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާނެ ކަމަށާއި ހުރަސްކުރާއިރު ދަތިތަކެއް ކުރިމަތިނުވާނެ ކަމަށެވެ.

ނަމަވެސް ބަހުގައި ދަތުރުކުރި މީހަކު ބުނެފައިވަނީ ރޭލު އަންނަކަން އަންގައިދޭ ބޮކިވެސް ނުދިއްލޭ ކަމަށާއި ހުއްޓުމަށް އަންގާ ނިޝާންވެސް ނާރާ ކަމަށެވެ. އެހެންކަމުން ބަސް ޑުރައިވަރު މަޑުނުކޮށް ރޭލުވޭ ހުރަސްކުރި ކަމަށާއި އޭނާ މަޑުކުރީ ރޭލު އައިތަން ފެނިގެން ކަމަށެވެ. އަދި ކުއްލިއަކަށް ރޭލަށް މަޑު ނުކުރެވުނު ކަމަށާއި މަޑުކުރެވުނުއިރު ޖެހިފައިވާ ކަމަށް އެމީހާ ކިޔާދިނެވެ.

މިހާދިސާ ފްރާންސު ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ކުށްވެރިވީ ކޮން ފަރާތެއްކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.