Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ގްރީޒްމަން އެތްލެޓިކޯ ދޫކޮށްލުމަށް ހުއްދަ ދީފި

އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސުގެ ފޯވާޑް، އެންޓޮއިން ގްރީޒްމަން އޭނާއަށް ފެންނަ ޓީމަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެތްލެޓިކޯގެ ކޯޗު، ޑިއެގޯ ސިމިއޯނޭ ބުނެފިއެވެ.

ސިމިއޯނޭ ބުނެފައިވަނީ ގްރީޒްމަންއަކީ ޒުވާން، މޮޅު ކުޅުންތެރިޔެއް ކަމަށާއި އޭނާގެ ކެރިއަރު އިތުރަށް ރަނގަޅު ކުޅުމަށް ރަނގަޅު ކުލަބަކުން ހުށައަޅައިފިނަމަ ދިއުމަށް ހުރަސް ނާޅާނެ ކަމަށެވެ.

މީގެ ކުރިންވެސް އެތްލެޓިކޯއިން ވަނީ ޑިއެގޯ ކޯސްޓާ އަދި އާޑާ ޓުރާން ކުލަބު ދޫކޮށް ދިއުމަށް ފުރުސަތު ދީފައި ކަމަށް ސިމިއޯނޭ ބުނެފައިވެއެވެ. ޓުރާން ބާސާއަށް ބަދަލުވުމަށްފަހު އޭނާގެ ނަން ފުޓުބޯޅައިގެ ދުނިޔެއިން ވަނީ ފަނޑުވާން ފަށާފައެވެ.

ކޮސްޓާ ޗެލްސީއަށް ބަދަލުވުމަށްފަހު ކާމިޔާބު ސީޒަންތަކެއް ކުލަބުގައި ހޭދަކޮށް، މިދިޔަ ސީޒަނުގައި ކޯޗާއި ޖެހުނު މައްސަލައެއްގައި އޭނާ ވަނީ ޗެލްސީ ދޫކޮށް އެނބުރި އެތްލެޓިކޯއަށް ބަދަލުވެފައެވެ. ކޮސްޓާގެ ކުރިމަގާ މެދު ދެކުލަބަށް އެއްބަސްވުމަކަށް އާދެވުނީ ޓްރާންސްފާ ސީޒަން ނިމުނު ފަހުން ކަމަށް ވުމުން އޭނާއަށް އެތްލެޓިކޯއަށް ކުޅެވޭނީ ޖެނުއަރީގައެވެ.

ގްރީޒްމަންވެސް އެތްލެޓިކޯ ދޫކޮށްދާން ބޭނުންނަމަ އެފުރުސަތު ހުޅުވާލެވިފައިވާކަން ސިމިއޯނޭ އަންގާފައިވާއިރު އޭނާ ގުޅޭނެ ކަމަށް ބެލެވެނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ކަމަށް ގިނަ މީޑިޔާ ރިޕޯޓުތަކުން ބުނެއެވެ. ގްރީޒްމަން ހޯދުމަށް ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް ޔުނައިޓެޑުން މަސައްކަތް ކޮށްފައިވާއިރު އޭނާވަނީ އެތްލެޓިކޯގައި މަޑުކުރުމަށް ގަސްދުކޮށްފައެވެ.