Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

ނަޝީދު ޗައިނާއަށް: އާ ސަރުކާރަކުން އެފްޓީއޭ މުރާޖައާ ކުރާނެ

ފޮޓޯ: މިހާރު ނިއުސް

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސޮއިކުރެވުނު ފްރީ ޓްރޭޑް އެގްރީމެންޓަކީ އަވަސް އަރުވާލައިގެން ތައްޔާރު ކުރެވުނު އެއްޗެއް ކަމަށް ވުމުން އާ ސަރުކާރަކަށް އެ އެއްބަސްވުން މުރާޖައާ ކުރަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޗައިނާ ސަރުކާރުން ގަބޫލުކުރައްވަން ޖެހޭ ހަގީގަތަކީ ދިވެހި ސަރުކާރުން ސޮއިކުރި އެއްބަސްވުމަކީ ދެން އަންނަ ސަރުކާރަކުން މުރާޖައާ ކުރަން މަޖުބޫރު އެއްޗެއް ކަމަށެވެ.

"ޗައިނާއާ ރާއްޖެއާ ދެމެދު ސޮއިކުރެވުނު އެފްޓީއޭއަކީ ގާނޫނާއި ޚިލާފަށް މަޖިލިސް ތެރޭގައި އަވަސް އަރުވާލައިގެން ތައްޔާރުކުރި އެއްޗެއް. ބެއިޖިންއަށް ވިސްނިވަޑައިގަންނަވަން ޖެހޭނެ ދެން އަންނަ ސަރުކާރަކުން އެ އެއްބަސްވުން މުރާޖައާ ކުރަން މަޖުބޫރުވާނެ ކަން."

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޭގެއިން ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި ޗައިނާއާއެކު އެފްޓީއޭގައި ސޮއިކުރުމުން ރާއްޖެއާއި ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިޔާ ފަދަ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ.