Last Updated: April 20, 06:38
Saturday, April 20, 2024
ރިޕޯޓް

މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ބޫޓް، އަގަކީ 15 މިލިއަން ޑޮލަރު!

ދުނިޔޭގެ އެންމެ އަގުބޮޑު ބޫޓު ދައްކާލައިފި އެވެ.

15.1 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި ބޫޓަކީ އިނގިރޭސިވިލާތުގެ ޑެބީ ވިންގްހަމް ޑިޒައިންކޮށްފައިވާ ބޫޓެކެވެ. އޭނާ ވަނީ މީގެ ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ހެދުން ވެސް ޑިޒައިން ކޮށްފައެވެ.

މި ބޫޓުގެ ކޮންމެ ކިބައެއްގައި ނޫ އަދި ފިޔާތޮށި ކުލައިގެ ޖަވާހިރު ހަރުކޮށްފައި ހުރެއެވެ. އެއީ ދުނިޔޭގައި ވަރަށް ތަދު ދެ ވައްތަރެއްގެ ޖަވާހިރެވެ. އެއިން ކޮންމެ ޖަވާހިރެއްގެ އަގު 980،000 ޕައުންޑަށްވުރެ ބޮޑެވެ.

މީގެ އިތުރުން ހުދު ކުލައިގެ އެހެން ހަތަރު ޖަވާހިރެއްވެސް މި ބޫޓުގައި ހަރުކޮށްފައި ވެއެވެ. އެއިން ކޮންމެ ޖަވާހިރަކީ 3 ކެރެޓުގެ ޖަވާހިރެވެ. އަދި ހަމަ އެހެންމެ މި ބޫޓުގައި އިތުރު 1،000 ޖަވާހިރު ވެސް ހަރުކޮށްފައި ވެއެވެ.

މި ބޫޓަކީ ސީދާ އަސްލު ރަނުން ހަދާފައިވާ ބޫޓަކަށްވާއިރު، ޖަވާހިރުތައް ހަރުކޮށްފައި ވަނީ ޕްލެޓިނަމް އިންނެވެ.

މި ބޫޓަކީ އަތުން ހަދާފައިވާ އެއްޗަކަށް ވާއިރު، ބޫޓޫ ހަދާ ނިންމުމަށް އެތައް ސަތޭކަ ގަޑިއިރެއް ނެގިކަމަށް ރިޕޯޓްތައް ބުނެއެވެ. ބޫޓުގެ އެކިއެކި ބައިތައް ފެހުމަށް ބޭނުންކޮށްފައި ވަނީ 18 ކެރެޓުގެ ރަން ބަރަންޏެވެ.

ބޫޓުގެ ލެދާ ބައިގައި ވެސް ވަނީ 24 ކެރެޓުގެ ރަން ކުލަ ލާފައެވެ. މި ބޫޓު ވަނީ ލެދާ އާއި ޖަވާހިރުން ހަދާފައިވާ އަރަބި ޖޭސްމިން މާތަކުން ޒީނަތްތެރި ކުރެވިފައެވެ.

މި ބޫޓު އުފައްދާފައި ވަނީ ގާތް މީހެއްގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ޖަވާހިރުން ހަދާފައިވާ ތަފާތު އެއްޗެއް ދިނުމުގެ މަޤްސަދުގައި އިނގިރޭސިވިލާތުގެ އާއިލާއެއްގެ އެދުމުގެ މަތިންނެވެ.

މި ބޫޓަކީ ބޭނުން ކުރެވޭނެ ގޮތައް އުފައްދާފައިވާ ބޫޓެއް ނޫނެވެ.