Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ޓީސީ ބަލިކޮށް ނިއު، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި

ނިއުއިން ތަށި ކާމިޔާބުކުރުމަށްފަހު އުފާފާޅު ކުރަނީ: ފޮޓޯ - ސަން

ރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު 0-3 އިން ނިއު ކާމިޔާބުކޮށް ޗެމްޕިއަންކަން ނަގައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓީސީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނިއުގެ ޑިފެންޑަރު އަކުރަމް އަބްދުލްޣަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ޓީސީ ކުޅުންތެރިޔަކަށް ކުރި ފައުލަކުން ރެފްރީ ވަނީ ޓީސީއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ނިއުގެ ކީޕަރު އިމްރާން ވަނީ ހުށިޔާރު ކަމާއެކު ޕެނަލްޓީ މަތަކޮށްފައެވެ.

ނިއުއިން ޖެހި ތިން ލަނޑުވެސް މެޗުގެ ފަހު ހާފުގައި ފެނިގެން ގޮސްފައިވާއިރު ނިއުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ނިއުއަށް ލީޑު ނަގައިދިނީ ސެންޓޭއެވެ. 0-1 ގެ ލީޑަކުން މެޗު ނިންމާލަން ދަނިކޮށް ނިއުގެ ލީޑު ފުޅާކޮށްފައިވަނީ އިބްރާހިމް ފަޒީލް(އޮއްޕޮ) ކާމިޔާބުކުރި ދެގޯލުންނެވެ.

މިސީޒަނުގައި ނިއުއިން ވަނީ ދިވެހި ލީގާއި އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ. އަދި މިއީ ނިއު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި 12 ވަނަ ފަހަރެވެ. ޓީސީ މުޅިންވެސް މިސީޒަނުގައި ނިއުގެ ފަހަތުގައި ވިއްދާލަން ޖެހިފައިވާއިރު އެފްއޭ ކަޕް ފައިނަލުގައި ޓީސީ ވަނީ ނިއު އަތުން ބަލިވެފައެވެ.

އަދި ލީގުގައިވެސް ނިއުގެ ފަހަތުގައި އޮތީ ޓީސީއެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕުގައިވެސް ނިއުއާއެކު ރާއްޖެއިން ދާނެ ޓީމަކީވެސް ޓީސީއެވެ. މެޗަށް ފަހު ޓީސީގެ ކޯޗު ނިޒާމްބެ ބުނެފައިވަނީ އަދި މާޔޫސްވާން ކައިރިވެސް ނުވާ ކަމަށާއި މި ފައިނަލަކީވެސް ޓީސީއަށް ލިބުނު ފިލާވަޅެއް ކަމަށެވެ.