Last Updated: April 19, 19:29
Friday, April 19, 2024
ރިޕޯޓް

ކަރަންޓާ ނުލައި 3 ގަޑިއިރު: މިއީ ފަހު ފަހަރަށް ވެދާނެބާ؟

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތްދޭ މައި އިންޖީނުގެއަށް އަލަށް ގެނައި ދެ ޖެންސެޓް ގުޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއަދު ހެނދުނު 10 އިން ފެށިގެން މެންދުރު 1 އާއި ހަމައަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތެއް ނުލިބޭނެއެވެ.

ފެނަކަ އައްޑޫ އޮފީހުން މައުލޫމަތު ދެއްވާ ގޮތުގައި އެބޭފުޅުންގެ ޝެޑިއުލް އާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް ކަނޑައެޅިފައިވާ ގަޑިއަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމުގެ ޔަޤީންކަން ފެނަކަ އައްޑޫ އޮފީހުން ދެއްވައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރ މުހައްމަދު އާސިމް ވިދާޅުވީ، މިއަދު ކުރިއަށް ދަނީ އަލަށް ގެނައި 2 މެގަވޯޓުގެ ދެ ޖެންސެޓް އިންޖީނުގޭގެ ނެޓްވޯކާއި ގުޅާލުމުގެ މަސައްކަތް ކަމަށެވެ.

އެ މަސައްކަތް ކުރިއަށް ދާއިރު އިންޖީނުގެއިން ބޭރުން ބައެއް ސަރަހައްދުތަކުގައި ވެސް ބައެއް މަސައްކަތްތައް ކުރިއަށް އެބަގެންދެއެވެ.އެގޮތުން ސ.ރުއްޖެހެރަ ސަރަހައްދުގައި ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ފެނަކަ އައްޑޫ އިންޖީނުގޭގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ.

"2 ޖަނެރޭޓަރު ހިންގަން ފަށާނީ އަދި ފަހުން"

2 މެގަ ވޯޓުގެ 2 ޖަނެރޭޓަރު އިންޖީނުގޭގެ މައި ނެޓްވޯކާއި ގުޅާލި ނަމަވެސް މިއަދު އެ ދެ ޖަނެރޭޓަރު ނުހިންގާނެއެވެ. ޖަނެރޭޓަރުތައް ހިންގަން ފަށާނީ ސީވޯޓާ ކޫލިން ސިސްޓަމްގެ ބައެއް މަސައްކަތްތައް ފުރިހަމަ ވުމުންނެވެ. އެ މަސައްކަތް ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އާސިމް ވިދާޅުވިއެވެ.

އަދި ޑިސެމްބަރު މަހުގެ ނިޔަލަށް އާ ޖަނެރޭޓަރުތައް ހިންގަން ފަށައި އޭގެއިން ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަމަށެވެ.

"މިއީ އެންމެ ފަހު ފަހަރަށް ވާން ބޭނުން"

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރެސްޓޯރަންޓްތަކާއި ފިހާރަތައް ބަންދުކޮށްފައިވާއިރު، ވިޔަފާރިވެރިންނާއި އާއްމު ރައްޔިތުން ތިބީ 1 ޖަހާނެ އިރަކަށް އިންތިޒާރުކޮށްގެންނެވެ. 3 ގަޑިއިރު ކަރަންޓާއި ނުލައި ތިބެން ޖެހުނަސް މިއަދު އައްޑޫގެ ރައްޔިތުން ޝަކުވާއެއް ނުކޮށް ތިބީ، 2 ޖަނެރޭޓަރު ހިންގަން ފެށުމުން ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު ކުރެވޭތީއެވެ.

އައްޑޫގެ ހުރިހާ ރައްޔިތުންގެ ވެސް އުއްމީދަކީ މިއީއެވެ. އިރުއިރުކޮޅާއި ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލެއް އަންނަން މިހާރު މާ ބޮޑަށް ވެސް ލަސްވެއްޖެއެވެ. އާ ޖަނެރޭޓަރުތައް އިންސްޓޯލްކޮށް ޑިސެމްބަރުގެ ނިޔަލަށް ކަރަންޓުގެ ޚިދުމަތް ދޭނެ ކަމަށް ފެނަކައިން ބުނި ވާހަކަ ހަގީގަތަކަށް ވޭތޯ ބަލައިގެންނެވެ.

ފެނަކަ އައްޑޫ އޮފީހުގެ ވެރިންނަށް އެ ޔަގީންކަން އެބައޮތެވެ. ދެން އޮތީ ޑިސެމްބަރު މަހުގެ ނިޔަލަށް އެކަން ވޭތޯ ބަލަން ތިބުމެވެ.