Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޒަމީރު ނަމަލް ރާޖަޕަކްސައާ ބައްދަލުކޮށްފި

ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަގެ ދަރިކަލުން، އެމްޕީ ނަމަލް ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައެވެ. ނަމަލްއާއި ޒަމީރުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާއި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

ނަމަވެސް ދާދި ފަހުން ރައީސް ޔާމީންގެ ސަރުކާރުގެ އިސް ބޭފުޅަކު ވަނީ އިދިކޮޅު ފަރާތްތަކުން ލަންކާ ސަރުކާރާއި ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަލް ރާޖަޕަކްސަ ވަނީ އެތުހުމަތުތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސްރީ ލަންކާގެ ރައީސްކަން މަހިންދަ ރާޖަ ޕަކްސައަށް ގެއްލުމަށްފަހު އޭނާއާ ދަރިކަލުން ނަމަލް ރާޖަޕަކްސަ ވަނީ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން ފަށާފައެވެ. ނަމަލް އަކީ ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްވެސްމެއެވެ.