Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އުމަރަށް މަރުހަބާ ކިޔަން: ގާސިމް

photo: mihaaru.mv

ދާދި ފަހުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމުހޫރީ ޕާޓީއާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގުޅިވަޑައިގަތުން ބަލައިގަންނަނީ އުފަލާ އެކުގައި ކަމަށާއި އަމިއްލަ ނަމުގައާއި އަދި ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އޭނާއަށް މަރުހަބާ ދަންނަވައިފިއެވެ.

ޖޭޕީގެ އިސްފަރާތްތަކަށް ގާސިމް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޖޭޕީއަކީ ހުރިހާ ރައްޔިތުންގެ ޕާޓީއެއް ކަމަށާއި ޕާޓީއާއި ގުޅުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އުމަރު ނަސީރަށް ނަފްރަތުގެ ބަހެއް ނުބުނުމަށާއި އޭނާއަށް ތާއީދުކުރުމަށް ގާސިމް ވަނީ ޖޭޕީގެ ލީޑަރުންގެ ކިބައިން އެދިފައެވެ. އުމަރު ޕާޓީއާ ގުޅުމާއެކު ޕާޓީގެ ބައެއް އާންމު މެމްބަރުންގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވި ނަމަވެސް ޕާޓީގެ ދެ ނައިބު ލީޑަރު ކަމަށްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި އިބްރާހިމް އަމީން ވަނީ އުމަރަށް މަރުހަބާ ކިޔާފައެވެ.

ނަމަވެސް އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ މުސްތަފާ ވަނީ ޖޭޕީއާއި އުމަރު ގުޅުނަސް އިއްތިހާދުން ޖާގައެއް ނެތް ކަމަށް ބުނެފައެވެ. ފާޅުގައި މުސްތަފާ އުމަރަށް ފާޑުވިދާޅުވަމުން އަންނައިރު މުސްތަފާގެ އިތުރުން އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅަކު އުމަރުގެ ކުއްލި ގުޅުމާމެދު މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖޭޕީއާއި ގުޅުމަށްފަހު އުމަރު ވަނީ ޕާޓީގެ ލީޑަރު، ހޮނަރަބަލް ގާސިމް އިބްރާހީމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ހެދުމަކީ އޭނާގެ އެންމެ ބޮޑު ލަނޑުދަނޑި ކަމަށާއި އެކަން ހާސިލުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެކަން ހާސިލުނުވެއްޖެނަމަ ޖޭޕީގެ ޓިކެޓުގައި ވާދަކުރާނެ ކަމަށާއި އެކަން ޕާޓީގެ ލީޑާޝިޕަށް ވާނީ އަންގާފައި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އަދި ވަކި ޕާޓީއެއްގެ ފަހަތުގައި ޖޭޕީ އޮންނަން ނުޖެހޭނެ ކަމަށާއި ޖޭޕީ ވާން ޖެހޭނީ އަމިއްލަ ފައިމައްޗަށް ތެދުވިފައިވާ ވަރުގަދަ ޕާޓީއަކަށް ކަމަށް އުމަރު ވިދާޅުވިއެވެ. މިވާހަކަތަކަށް އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެމްޑީޕީ މެމްބަރުން ދެކޭ ގޮތުގައި އުމަރު ޖޭޕީއާއި ގުޅިފައިވަނީ ދެ މަގުސަދެއްގައި ކަމަށެވެ. އެއް މަގުސަދަކީ އިއްތިހާދު ބައިބައި ކުރުން ކަމަށާއި އަނެއް މަގުސަދަކީ ވެރިކަން ހޯދުން ކަމަށް އެމްޑީޕީ މެމްބަރުން އަންނަނީ ބުނަމުންނެވެ.