Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ބެޔަސް ނުބެޔަސްގެ ވާހަކައެއް މަސްވެރިން ނުދައްކާ: ޝައިނީ

ހއ. އިހަވަންދޫގައި އެ ރަށުގެ މަސްވެރިންނާއި އޮޑިވެރިންނާއެކު ދެ ގަޑިއިރެއް ހާއިރު ހޭދަކުރެއްވި އިރުވެސް އެއިން އެއްވެސް މަސްވެރިޔަކު "ބެޔަސް ނުބެޔަސް" އިންޝުއަރެންސް ސްކީމާއި ބެހޭގޮތުން ވާހަކަ ނުދައްކާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ބެޔަސް ނުބެޔަސް" އާއި ގުޅިގެން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޝައިނީ ވިދާޅުވީ، އެއީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުން ބޭނުން ކުރާ އެއްޗެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޝައިނީ ވަނީ މަސްވެރިކަމާ ގުޅުން ހުރި އެހެން ކަންބޮޑުވުންތައް މަސްވެރިން ހިއްސާކުރެއްވި ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މަހުގެ އަގު ދަށްވުމާއި މަސް ކިރުވުމަށް ގިނަ ވަގުތު ކިޔޫގައި ހޭދަ ކުރަން ޖެހުމާއި ވަކި މޫސުމަކަށް މަސްވެރިކަން ރަނގަޅުވުމުން، މަހުގެ އަގު ނުލިބޭ މައްސަލަ، މަސްވެރިން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝައިނީ ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި މަސް ކިރުވުމަށް، އެއް ދުވަހަށް ވުރެ ގިނަ ދުވަހު ކިޔޫގައި މަޑުކުރަން ނުޖެހޭނެ ގޮތަށް އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް އެންސިސް ކުންފުނިން ޔަގީންކަން ދީފައިވާ ކަމަށެވެ. ޝައިނީ ވިދާޅުވި ގޮތުގައި އެންސިސް ކުންފުންޏަކީ، ބޮޑު ކަންނެލީގެ 50 ޕަސެންޓް ގަންނަ ކުންފުންޏެވެ.

މީގެ އިތުރުން ކަންނެލި މަސްވެރިކަމަށް މިފްކޯ އިން ވަންނާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދީފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.