Last Updated: April 27, 09:46
Saturday, April 27, 2024
ޚަބަރު

އެމްޑީޕީއަކީ ފަނާކުރަނިވި ފިކުރު، ތަރައްގީގެ ފައުޖާ ގުޅޭ: ނިހާން

އެމްޑީޕީގެ އާންމު މެމްބަރުން ޕާޓީ ދޫކުރައްވައި ޕީޕީއެމްގެ ތަރައްގީގެ ފައުޖާއި ގުޅިވަޑައިގަތުމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، އަހުމަދު ނިހާން ހުސެއިންމަނިކު ގޮވާލައިފިއެވެ.

ރޭ ބ. އަތޮޅު ކަމަދޫގައި ބޭއްވި ޕީޕީއެމް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވެފައިވަނީ ނަޝީދަކީ ރާއްޖެ ބަދުނާމު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ. ގައުމަށް ހެޔޮ އެދިގެން މަސައްކަތް ކުރާ ތަނެއް ނަޝީދުގެ ކިބައިން ނުފެންނަ ކަމަށާއި ވެރިކަމަށް ވަޑައިގެންވެސް ނަޝީދު ކުރި ކަމަކީ ގައުމު ދަރާލުން ކަމަށް ބުނެ ފާޑުވިދާޅުވެފައިވެއެވެ.

ނިހާން އިތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމާއި ގުޅިވަޑައިގަތުމުން ޖަލަށް ދާން ފުރުސަތެއް ނުދޭނެ ކަމަށެވެ. ތަނެއްގައި ރޯކޮށްލަން ނުވަތަ ތަނެއް ހަލާކުކޮށްލަން ޕީޕީއެމުން ގޮވާނުލާނެ ކަމަށާއި އެފަދަ ކުށްތަކަށް އަރައިގަތުމަށް ޕީޕީއެމުން ހިތްވަރު ނުދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ނިހާން މިހެން ވިދާޅުވެފައިވިނަމަވެސް ދާދި ފަހުން ޕީޕީއެމުން ގދ. ތިނަދޫގައި ޖަލްސާ ބޭއްވުމަށް އެރަށަށް ޕީޕީއެމްގެ އިސް ލީޑަރުން ވަޑައިގެންނެވި ދުވަހު އެސަރަހައްދަށް އެއްވި އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް ސަޕޯޓަރުން ވަނީ މާރާމާރީ ހިންގާފައެވެ. އެމްޑީޕީ މެމްބަރުން ބެނާއެއް ހިފައިގެން އެ ސަރަހައްދުގައި އެތުރެން ފެށުމުން ޕީޕީއެމް ސަޕޯޓަރުން ބެނާ އަތުލައި މާރާމާރީ ހިންގަން މަސައްކަތް ކުރި ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފައެވެ.