Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

ވަރުންގެ އާ ގެ ފޭނުންނަށް ދައްކާލައިފި

ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން ވަރުން ދަވަންއަކީ އަރާ ހުރި ތަރިއެކެވެ. އޭނާ މިހާތަނަށް ކުޅުނު އެއްވެސް ފިލްމެއް ފްލޮޕްވެފައި ނުވާ އިރު، އޮފާތައް އަންނަނީ އޮހެމުންނެވެ. ފިލްމް ކުޅެދޭ އަގު ވެސް ވަރުން މިހާރު ވަނީ ފަސް ކްރޯޑުން 13 ކްރޯޑް ރުޕީސް ބޮޑުކޮށްފަ އެވެ.

ދާފި ފަހުން ސުޖިތު ސިރްކާސްގެ ފިލްމް "އޮކްޓޯބާ" ގެ ޝޫޓިން ނިންމައިލި 30 އަހަރުގެ އެކްޓަރު މިހާރު ވަނީ މުމްބާއީން އާ ގެއެއް ވެސް ގަނެފަ އެވެ. އެންމެ މި ޒަމާނުގެ ފެންވަރަށް ހަދާފައިވާ ހިތްގައިމު ރީތިގެ ވަރުން ވަނީ އޭނާގެ އާއިލާ އާއި ގާތް ބައެއް މީހުންނަށް ވެސް ދައްކާލައިފަ އެވެ.

ގެތައް ދައްކާލުމުގެ ތެރެއިބް ވަރުންގެ އިސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ގޭގެ ތަންތަން ވަކިވަކިުން ދައްކާފައިވެ އެވެ. މި ގެ ބަލާލަން ދައުވަތު ލިބުނު މީހުންގެ ތެރޭގައި ވަރުންގެ ބައްޕަ ޑޭވިޑް ދަވަންއާ އެކު ގިނަ ފިލްމްތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރު އަނޫޕަމް ކޭރް ވެސް ހިމެނެ އެވެ.

މި ގެ ދައްކާލާ ވީޑީއޯ ބައެއް މީހުން ވަނީ މީގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޓީވީ ސިލްސިލާ "ކިޔޫން ކީ ސާސް ބީ ކަބީ ބަހޫތީ" ގެ ތީމް ލަވައާ ވެސް އަޅާ ކިޔައިފަ އެވެ. އެ ލަވައިގައި ސްމިރުތީ އިރާނީ ވެސް ފެންނާނީ ގޭގެ ދޮރު ހުޅުވާލައިގެން އާއިލާގެ މެމްބަރުން ތައާރަފުކޮށް ދޭ ތަނެވެ.

ކޮންމެއަކަސް ވަރުންއަކީ ވަރަށް ކާމިޔާބު އެކްޓަރެކެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ އަނުޝްކާ ޝަރްމާއާ އެކު ކުޅޭ ފިލްމް "ސުއީ ދާގާ؛ މޭޑް އިން އިންޑިއާ" އަށް ތައްޔާރުވަމުންނެވެ. ފިލްމްގެ ޝޫޓިން ފަށާނީ ފެބްރުއަރީގަ އެވެ.

ވަރުން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އެޕްރީލް 13 ގައި ރިލީޒް ކުރާ "އޮކްޓޯބާ" އިންނެވެ.