Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ގއ. ކައުންސިލަރުންގެ ސަސްޕެންޝަން އުވާލާ: އެމްޔޫއޯ

ހުއްދަ ނެތި ބޭރުގެ ސަފީރަކާއި ބައްދަލުކުރުމުން ގއ. ކައުންސިލްގެ ހުރިހާ މެމްބަރުން ތިން މަސް ދުވަހަށް ސަސްޕެންޑުކުރުން ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ކުށްވެރިކޮށް، ސަސްޕެންޝަން އުވާލުމަށް ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު އިއްތިހާދުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގާނޫނާއި ޚިލާފަށް ރައްޔިތުން އިންތިޚާބުގައި ކޮށްފައި ތިބި ރައްޔިތުންގެ މަންދޫބުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ގޮވާލާ ކަމަށެވެ.

އަދި އެލްޖީއޭއިން ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވަނީ ގާނޫނީ ގޮތުން އެއްވެސް އަސާސަކަށް ބިނާ ކުރުމެއް ނެތި ކަމަށެވެ. ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ކައުންސިލަރުންނަށް ވަކި ޖަމާއަތަކާ ނޫނީ ވަކި ފަރުދަކާއި ބައްދަލުކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބަޔާންކޮށްފައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ގއ. ކައުންސިލްގެ ހުރިހާ ކައުންސިލަރުން އެލްޖީއޭއިން ސަސްޕެންޑު ކޮށްފައިވަނީ އިންޑިޔާ ސަފީރާއި ބައްދަލުކުރެއްވުމުންނެވެ. ތިން މަސް ދުވަހަށް މުސާރައާއި އިނާޔަތްވެސް ކަނޑާލާފައިވާއިރު ހިދުމަތެއް ހޯދުމަށް ނޫނީ އޮފީހަށް ނާދެވޭނެކަން އެލްޖީއޭއިން ވަނީ އަންގާފައެވެ.