މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު މާލޭ ލިޓަސް ސާވިސް ސެންޓަރެއްގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ރ. މީދޫ، ފެންފިޔާޒްގެ، މުހައްމަދު އަނަސް މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ މެންދުރު 13:00 އަށް ތާވަލުކޮށްފިއެވެ.
ދައުލަތުން އަނަސް މަރާލުމުގެ މައްސަލާގައި ދައުވާ އުފުލާފައިވަނީ 8 މީހަކާއި ދެކޮޅަށެވެ. އޭގެ ތެރެއިން ހަތަރު މީހަކާ ދެކޮޅަށް ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި ހަތަރު މީހަކާއި ދެކޮޅަށް ވަނީ މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައެވެ.
ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފައިވަނީ މ. ދިމިޝްގު، އުސްމާން ޝަރީފާއި، ޅ. ކުރެންދޫ، އަސުރުމާގެ، އަހުމަދު ޒަޔާން އަދި މ. ލޮނުމިދިމާގެ، އަފްރާހު އަބްދުއްރައްޒާގާ ދެކޮޅަށެވެ. އަދި މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ދައުލަތުން އުފުލާފައިވަނީ ލ. ގަން، ތުނޑި، ނަންނާރިގެ، ޖުނައިހު އަބްދުﷲ، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް، ދަފްތަރު 1746، ސިމާހު މޫސާ އަދި ތ. ކިނބިދޫ، ގުލްފާމްގެ، މުހައްމަދު ޝާޒުގެ މައްޗަށެވެ.
އަދި މީގެ ތެރޭގައި ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ ވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ ދެކޮޅަށް އުފުލާފައެވެ. ނަމަވެސް ޖުވެނައިލް ކޯޓުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ފުލުހުން ވަނީ އަނަސް މަރާލާފައިވަނީ ގާތިލުންނަށް އޮޅިގެން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ބުނެފައެވެ. އަނަސްގެ އާއިލާއިން ބުނެފައިވަނީ އަނަސްއަށް އިންސާފު ލިބޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ.