Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ދިވެހިން ދިނީ ޚާއްސަ މެހުމާންދާރީއެއް: ޑްރޮގްބާ

ސިޔާމް-މައުރޫފް ސޮކާ ކަޕް 2017 ގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދިނުމަށް ޑްރޮގްބާ ރާއްޖޭގައި: ފޮޓޯ - ސަން

ނ. އަތޮޅަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ ސިޔާމް-މައުރޫފް ސޮކަ ކަޕް 2017 ގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދިނުމަށް ރާއްޖެ އައި ޗެލްސީގެ ލެޖެންޑު، ޑިޑިއާ ޑްރޮގްބާއަށް ރާއްޖެއިން ފެނުނު މެހުމާންދާރީގެ ސަބަބުން ޚާއްސަ އުފަލެއް ލިބިއްޖެއެވެ.

ޑްރޮގްބާ ބުނެފައިވަނީ ރާއްޖޭގެ ސަގާފަތާއި އޭނާގެ ރަށުގެ ސަގާފަތާއި ވަރަށް އެއްގޮތް ކަމަށެވެ. އޭގެ ސަބަބުން ޚާއްސަ އުފަލެއް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާޚިލާފު މެހުމާންދާރީއެއް ކަމަށާއި ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ބުންޏެވެ. އަދި ރާއްޖޭގެ މާހައުލަށް އާދެވުމުން ހީވަނީ މައިންބަފައިންގެ ރަށަށް އާދުވުނީ ކަމަށްވެސް ޑްރޮގްބާ ބުނެފައިވެއެވެ.

މިފަހަރުގެ ސިޔާމް-މައުރޫފް ސޮކަ ކަޕްގެ ޗެމްޕިއަންކަން ނަގާފައިވަނީ ލަންދޫ ބަލިކޮށް މިލަދޫއެވެ. މިލަދޫ މެޗު ކާމިޔާބުކޮށްފައިވަނީ 0-1 އިން މޮޅުވެގެންނެވެ. މުބާރާތް ކާމިޔާބުކޮށް މިލަދޫ ވަނީ 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހާސިލުކޮށްފައެވެ. ރަނަރަޕަށް ދިޔަ ލަންދޫއަށްވެސް ވަނީ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.