އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑު އަދި ލިވަޕޫލް ކުޅުނު މެޗުތައް ދެޓީމުންވެސް ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު 2-1 އިން ޔުނައިޓެޑު މޮޅުވެފައިވާއިރު ލިވަޕޫލާއި ބޯންމައުތް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 އިން ލިވަޕޫލް ވަނީ މޮޅުވެފައެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ބްރޮމް ކުޅުނު މެޗުގައި ޔުނައިޓެޑުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ލަނޑު ލުކާކޫ ޖަހާފައިވާއިރު ދެވަނަ ލަނޑަކީ ޖެސީ ލިންގާޑު ގޯލަށް ފޮނުވާލި ބޯޅައެއް ވެސްޓް ބްރޮމްގެ ހެގާޒީ ފައިގައި ޖެހި ގޯލުގެ ތެރެއަށް ވަދެގެން ދިޔަ ބޯޅައެކެވެ.
ވެސްޓް ބްރޮމުން ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ކުޅެފައިވާއިރު ޔުނައިޓެޑުގެ ވިސްނުން ހުރީ ލީޑު ދަމަހައްޓައި، ޑިފެންސަށް ވިސްނައިގެން ކުޅުމަށެވެ. ނަމަވެސް ވެސްޓް ބްރޮމުން ވަނީ ޔުނައިޓެޑުގެ ޑިފެންސަށް ބާރު ބޮޑުކުރަމުން އެންމެ ފަހަކަށް ޑެހެއާ ކޮޅަށް ގޯލެއް ވައްދާލާފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ވެސްޓް ބްރޮމްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ގެރެތް ބެރީއެވެ.
ލިވަޕޫލާއި ބޯންމައުތް ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައި، މެޗުގެ ފުރިހަމަ ކޮންޓްރޯލް ހާފު ނިމުމުގެ ކުރިން ނަގާފައެވެ. ކޫޓިނިއޯ 20 ވަނަ މިނެޓުގައި ލީޑު ނަގާދީފައިވާއިރު 26 ވަނަ މިނެޓުގައި ލީޑު ފުޅާކުރީ ޑެޖަން ލޮވްރެންއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީގުގެ ޓޮޕް ސްކޮރަ، ސަލާހް ވަނީ ލިވަޕޫލްގެ ލީޑު 0-3 އަށް ފުޅާކޮށްފައެވެ.
ރޭ ލިވަޕޫލްގެ ފަހު ގޯލު ޖަހާފައިވަނީ 66 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯއެވެ. ފިރްމީނޯގެ އެސިސްޓެއްވެސް ރޭ ފެނިގެން ގޮސްފައިވެއެވެ. ލޮވްރެންގެ ލަނޑަކީ ފިރްމީނޯގެ އެސިސްޓަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި ފިރްމީނޯ އަށް އެސިސްޓު ކޮށްދީފައިވަނީ ރޭގެ ފުރަތަމަ ގޯލު ޖެހި ފިލިޕް ކޫޓީނިއޯއެވެ.
މިމެޗުން މޮޅުވެ ލިވަޕޫލް ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. އެންމެ ފަހަކަށް ކުޅުނު ދެ މެޗު އެއްވަރުވެ ލިވަޕޫލުން ވަނީ ކުރިއަށް ދިއުމަށް ލިބުނު ފުރުސަތު ނަގާލާފައެވެ.