Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ރޯވިން ޓީމް ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޑަލް ގެނެސްފި

އޭޝިޔަން ރޯވިން ކޯސްޓަލް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ރޯވިން ޓީމު ވާދަކޮށް ފުރަތަމަ ފަހަރަށް ރާއްޖެއިން މެޑަލް ހާސިލުކޮށްފި އެވެ.

މިމުބާރާތުގައި ރާއްޖެއިން މެޑަލް ހޯދާފައިވަނީ އަންހެން ސިންގަލްސްގައި ވާދަކޮށް އައްޑު އަށް ނިސްބަތްވާ ފާތުމަތު މިނާ އަހުމަދެވެ.

މިނާ ވަނީ އޭޝިޔާގެ ބޮޑެތި ގައުމުތަކުގެ އެތްލީޓުންނާ ވާދަކޮށް ބްރޯންޒް މެޑަލް ހާސިލުކޮށްފަ އެވެ. މިއިވެންޓުން ރަން މެޑަލް ހޯދާފައި ވަނީ ޗައިނާ އެތުލީޓެކެވެ. އަދި ރިހި މެޑަލް ހާސިލު ކުރީ ތައިލެންޑުގެ ފަލިޖެހުންތެރިޔެކެވެ.

ފިރިހެން އިވެންޓުންވެސް ރާއްޖެއިން ވަނީ ހަތަރުވަނަ ހޯދާފައެވެ. މިފަހަރު ގައުމީ ފަލިޖެހުންތެރިން ހޯދި ކާމިޔާބީއަކީ މިހާތަނަށް ރާއްޖެއަށް ފަލިޖެހުމުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ރާއްޖޭގެ ރޯވިން އެސޯސިއޭޝަން ގާއިމު ކުރެވުނީ ވެސް 2009 ވަނަ އަހަރުގައެވެ.

ކޮންމެ އަހަރަކުވެސް ބޭރުގެ އެކި މުބާރާތްތަކުގައި ގައުމީ ރޯވިން ޓީމުން ވާދަ ކުރަމުން އަންނަ އިރު މިއީ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.