Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ކައުންސިލަރުންގެ ސަސްޕެންޝަން އުވާލަން އެދި ކޯޓަށް

ހުއްދަ ނެތި ބޭރުގެ ސަފީރަކާއި ބައްދަލުކުރުމުން ގއ. ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑު ކުރުމަށް ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ކައުންސިލަރުންގެ ސަސްޕެންޝަން އުވާލުމަށާއި މައްސަލަ ކުރިއަށްދާއިރު ކައުންސިލަރުންނަށް ވަޒީފާއަށް ނިކުމެވޭނެ ގޮތަށް އަމަރު ނެރެދިނުމަށެވެ.

މިދިޔަ ހޯމަ ދުވަހު ލޯކަލް ގަވަމެންޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ގުޅުމަށް ބުރޫއަރާފާނެތީ ކައުންސިލަރުން ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމާއަތްތަކާއި ބައްދަލުކުރެވޭނީ އެލްޖީއޭއަށް ލިޔުމުން އެކަން އަންގައި، ހޯމް މިނިސްޓްރީން އެކަމަށް ޚާއްސަ ހުއްދައެއް ނެރުމުން ކަމަށެވެ.

ނަމަވެސް ގއ. އަތޮޅުގެ ކައުންސިލަރުން އިންޑިޔާގެ ސަފީރާއި ބައްދަލުކޮށްފައިވަނީ ހުއްދަ ނުނަގައި ކަމަށް ބުނެ އެލްޖީއޭއިން ވަނީ ތިން ކައުންސިލަރުންވެސް ތިން މަސް ދުވަހަށް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފައެވެ. އަދި މިމުއްދަތުގެ ތެރޭގައި ޚިދުމަތެއް ހޯދުމަށް ނޫނީ އޮފީހަށް ނާދެވޭނެ ކަމަށް ވަނީ އަންގާފައެވެ.

ކައުންސިލަރުން ބުނެފައިވަނީ އެލްޖީއޭގެ ސާކިއުލާ ނެރެފައިވަނީ ބައްދަލުވުން ފެށުނު ފަހުން ކަމަށެވެ. އަދި ސާކިއުލާ ލިބިފައިވަނީ ބައްދަލުވުން ނިމުނު ފަހުން ކަމަށްވެސް ކައުންސިލަރުން ބުނެފައިވެއެވެ. އިދިކޮޅު ޕާޓީތަކުން ވަނީ އެލްޖީއޭގެ މިނިންމުމަކީ ގާނޫނު އަސާސީއާއި ޚިލާފު ނިންމުމެއް ކަމަށް ބުނެ ސަސްޕެންޝަން ވަގުތުން އުވާލުމަށް ގޮވާލާފައެވެ.