Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ފަތަނިކޮށް މަރުވި ނާހިދުގެ އާއިލާއަށް އެމްޑީޕީން އެހީތެރިވަނީ

މިމަހު ކުރީކޮޅު އެމްޑީޕީން ފ. މަގޫދޫގައި ބޭއްވި ޖަލްސާއަކަށް ފ. ބިލެތްދޫއިން ފަތާފައި ދާން އުޅުމުގެ ތެރޭގައި ކުއްލި ގޮތަކަށް މަރު އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާހިދުގެ އާއިލާއަށް އެހީތެރިވާން އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން ބުނެފައިވަނީ ނާހިދަކީ ޕާޓީއަށް ވަފާތެރި، އިޚުލާސްތެރި މީހެއް ކަމަށެވެ. އޭނާގެ އާއިލާއަށް އެހީތެރިވުމަށް ޕާޓީން ނިންމާފައިވާއިރު އެކަމާ ގުޅޭގޮތުން ޕާޓީ ތެރޭގައި މިހާރު ދަނީ މަޝްވަރާ ކުރަމުން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފައިވެއެވެ.

އަދި އެހީގެ ގޮތުގައި ދޭނީ ފައިސާތޯ ނުވަތަ އެހެން ގޮތަކުން އެހީތެރިވާނީތޯ ނިންމާނީ ނާހިދުގެ އާއިލާއާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ނާހިދާއެކު އިތުރު ބަޔަކުވެސް މަގޫދޫއަށް ދާން ބިލެތްދޫއިން ކަނޑަށް ފުންމާފައިވެއެވެ. ނަމަވެސް ފުންމާލިތާ މާގިނައިރުތަކެއް ނުވެ ނާހިދުގެ މެޔަށް ތަދުވާތީ އޭނާ ވަނީ ލޯންޗުގައި ރަށަށް ގެންގޮސް، އިތުރު ފަރުވާއަށް ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ނާހިދު މަރުވެފައިވަނީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ. ޑޮކްޓަރުން ބުނެފައިވަނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.