އޭސީ މިލާން އަދި ބްރެޒިލްގެ ކުރީގެ ތަރި، ރިކާޑޯ ކަކާ އުމުރުން 35 އަހަރުގައި ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާކޮށްފިއެވެ.
އޭސީ މިލާނުގެ އިތުރުން ރެއާލް މެޑްރިޑަށް ކުޅުނު ކަކާ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އަންގާފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ. އެމެރިކާގެ އޯލާންޑޯ ސިޓީއަށް ކުޅެމުން އަންނަ ކަކާގެ ކޮންޓްރެކްޓް ވަނީ ހަމަވެފައެވެ.
ކަކާ ވަނީ އޭނާގެ ކޮންޓްރެކްޓު އާ ނުކުރާނެ ކަމަށް މީޑިޔާގައި ކުރިންވެސް ބުނެފައެވެ. އެހެންކަމުން މިއަހަރަކީ އޭނާ ފުޓުބޯޅަ ކުޅޭނެ ފަހު އަހަރުކަން ކުރިންވެސް ގިނަ ބަޔަކަށް ވަނީ އެނގިފައެވެ.
ބްރެޒިލްގެ ސައޮ ޕައޮލޯ ޓީމުން އުމުރުން 18 އަހަރުގައި ޕްރޮފެޝަނަލް ކެރިއަރު ފަށާފައިވާ ކަކާ އަކީ 2002 ވަނަ އަހަރު ބްރެޒިލްއިން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު ކުޅުންތެރިޔެކެވެ. ވޯލްޑް ކަޕަށްފަހު އޭނާ އިޓަލީގެ އޭސީ މިލާނާއި ގުޅިފައިވާއިރު ކަކާ ވަނީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް މިލާނުގައި ހޭދަކޮށްފައެވެ.
ލީގު ތައްޓާއި ޔުއެފާ ޗެމްޕިއަންސް ލީގު އޭސީ މިލާނުގައި ހުރެ ކަކާ އުފުލާފައިވާއިރު އޭނާ ވަނީ 2007 ވަނަ އަހަރު ބެލޮން ޑިއޯ އެވޯޑުވެސް ޙާސިލުކޮށްފައެވެ.