Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ވިލާ ކޮލެޖްގެ ސްކޮލަޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި

ހަތަރު ދާއިރާއަކުން ސްކޮލަޝިޕް ހުޅުވައި، ވިލާ ކޮލެޖުން މިއަދު ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދަރިވަރުންނަށް ވަނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައެވެ. ވިލާއިން މިފަހަރު ހުޅުވާލާފައިވާ ހަތަރު ދާއިރާއަކީ ވިލާ ކޮލެޖް އޯޕަން ސްކޮލަޝިޕް، ވިލާ ކޮލެޖް/ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސޮކަލަޝިޕް، ވިލާ އެލަމްނައި ސްކޮލަޝިޕް އަދި ވިލާ ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕެވެ.

ވިލާ ކޮލެޖް އޯޕަން ސްކޮލަޝިޕުން ފުރުސަތު ހުޅުވާލާފައިވަނީ ތިން ސްކޮލަޝިޕެކެވެ. އެއީ ފައުންޑޭޝަން، ޑިގްރީ އަދި މާސްޓާސްއެވެ. ކޮންމެ ޕްރޮގްރާމަކުންވެސް ހުޅުވާލާފައިވަނީ އެއް ސްކޮލަޝިޕްގެ ފުރުސަތެވެ. ޝަރުތު ހަމަވާ ކޮންމެ ދިވެހި ދަރިވަރަކަށް މިސްކޮލަޝިޕަށް ކުރިމަތިލެވޭނެއެވެ.

ވިލާ ކޮލެޖް/ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭލެވެލް ހަދާފައިވާ ދަރިވަރުންނަށް އެކަންޏެވެ. މިސްކޮލަޝިޕްގައި ދެ ޖާގަ ހުޅުވާލާފައިވާއިރު ޝަރުތު ހަމަވުމަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކިޔެވިތާ މަދުވެގެން ދެއަހަރު ވާން ޖެހޭނެއެވެ.

ވިލާ އެލަމްނައި ސްކޮލަޝިޕަކީ ވިލާ ކޮލެޖުން ކިޔެވި ދަރިވަރުންނަށް އަމާޒުކޮށް، ޑިގްރީ އަދި މާސްޓާސް، ކޮންމެ ކޯހަކުން އެއް ފުރުސަތު ހުޅުވާލާފައިވާ ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕް ލިބޭނީ ހަމައެކަނި ވިލާ ކޮލެޖުން ކުރިން ކިޔަވާފައިވާ ދަރިވަރުންނަށެވެ.

ވިލާ ކޮލެޖް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕަކީ މުޅި މުޖުތަމައަށް އަމާޒުކޮށް، މިދިޔަ ޖެނުއަރީ މަހު ތައާރަފް ކުރެވުނު ސްކޮލަޝިޕެކެވެ. ނަމަވެސް މިސްކޮލަޝިޕް ތައާރަފްކޮށްފައިވަނީ ވިލާގެ ބޮޑެތި ކެމްޕަސްތަކަށް އެކަންޏެވެ. 10 ފުރުސަތު ހުޅުވާލި ނަމަވެސް ވިލާއިން ބުނެފައިވާ ގޮތުގައި ކެމްޕަހުގެ ކުދިންގެ އަދަދަށް ބެލުމަށްފަހު މިއަދަދަށް ބަދަލު އައުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.