ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު އެއް ފިރިހެން ބޭންޑ ޝައިނީގެ މެމްބަރެއް ކަމަށްވާ ޖޮން-ހިޔުން މަރުވެއްޖެ އެވެ.
ޝައިނީއަކީ އެ ޤައުމުގައި ގިނަ އަދަދެއްގެ ކާމިޔާބު ލަވަތަކެއް ރިލީޒް ކޮށްފައިވާ ބޭންޑެކެވެ.
ކޮރެއާ ހެރާލްޑް އިން ބުނާ ގޮތުގައި އުމުރުން 27 އަހަރުގެ ޖޮން-ހިޔުން ސޯލްގައި ހުންނަ އޭނާގެ އެޕާޓްމަންޓްގައި ހޭނަތިފައި އޮތްވާ ފެނިގެން ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
ފުލުހުން ބީބީސީ އަށް މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ އަކީ އަމިއްލަ އަށް މަރުވުމުގެ މައްސަލައަކަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މައްސަލައިގެ ތަހުޤީގެއް ހިންގޭނެ ކަމަށެވެ.
އިމާޖެންސީ ޚިދުމަތަށް ގުޅާފައި ވަނީ ލަވަކިޔުންތެރިޔާގެ ދައްތައެވެ. އަދި އެއަށްފަހު މާގިނައިރުތަކެއް ނުވަނީސް ހޮސްޕިޓަލުން ވަނީ އޭނާ މަރުވެއްޖެ ކަމަށް ކަނޑައަޅާފައެވެ.
އޭއެފްޕީ އިން ބުނާގޮތުގައި ޖޮން-ހިޔުން ވަނީ އޭނާ މަރުވާން އުޅޭކަމުގެ އިޝާރާތްތައް ކޮށް އޭނާގެ ދައްތައަށް ގިނަ މެސެޖުތަކެއް ކޮށްފައެވެ. އޭގެ ތެރެއިން އެއް މެސެޖުގައި އޭނާ ބުނެފައި އޮތީ އެއީ އޭނާގެ އެންމެ ފަހުގެ އަލްވަދާއު ކަމަށެވެ.
ޖޮން-ހިޔުން މަޝްހޫރުވެފައި ވަނީ 2008 ވަނަ އަހަރު އެސްއެމް އެންޓަޓެއިންމެންޓް އިން "ޝައިނީ" ބޭންޑް އުފެއްދުމާއެކު އެވެ.