އެމެރިކާގެ ފަސިންޖަރު ޓްރެއިނެއް ރޭލު ދަގަނޑުން ކައްސާލައިގެން ހިނގި އެކްސިޑެންޓެއްގައި މަދުވެގެން ތިން މީހުން މަރުވެއްޖެކަން ކަށަވަރުވެއްޖެ އެވެ.
އިއްޔެ ހެނދުނު ވޮޝިންޓަން ސްޓޭޓްގެ މަގުތައް އެންމެ ހަލަބޮލިވި ވަގުތުގައި މި ރޭލު ކައްސާލައިގެން މަގުމައްޗަށް ވެއްޓި ހާދިސާގައި ގާތްގަނޑަކަށް 100 މީހުން ޒަޚަމްވެ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އަނިޔާވި ގިނަ މީހުންގެ ހާލަތު ވަރަށް ސީރިއަސް އެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ރޭލުގެ ހުރިހާ ބައެއްވެސް މިހާރު ހޯދާ ބަލާފައިވާ ކަމަށާއި، އެހެންނަމަވެސް މަރުވި މީހުންގެ އަދަދު އިތުރު ނުވާނެއޭ ބުނާކަށް ނޭނގޭނެ ކަމަށެވެ.
މި ހާދިސާގައި ރޭލު ވެއްޓުމުގެ ސަބަބުން ހަތް ވެހިކަލަކަށް ވަނީ ގެއްލުން ލިބިފައެވެ. އޭގެ ތެރޭގައި ދެ ލޮރީވެސް ހިމެނޭއިރު، މަގުމަތިން ދިޔަ އެއްވެސް ބަޔަކަށް ގެއްލުންވެފައިވާކަން ޔަޤީނެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި ރޭލުން ދަތުރު ކުރަމުންދިޔައީ ޖުމްލަ 77 ފަސިންޖަރުންނާއި ހަތް ފަޅުވެރިންނެވެ.
މި ހާދިސާ އާއި ގުޅިގެން ވޮޝިންޓަންގެ ގަވަރުނަރު ވަނީ ދެ ކައުންޓީއެއްގައި ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.