އިންޑިއާގެ ބާރަތިޔަ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން ހަ ވަނަ ފަހަރަށް ގުޖުރާތުގެ އިންތިޚާބު ކާމިޔާބުކޮށްފި އެވެ.
ޖުމްލަ 182 މެމްބަރުން ހިމެނޭ ގުޖުރާތުގެ މަޖިލީހުގެ 99 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ބީޖޭޕީން ކަމުގައިވާ އިރު، އިދިކޮޅު ކޮންގްރެސް އިން ވެސް ވަނީ 77 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
"ތަރައްޤީ އަކީ ގުޖުރާތުގެ އަމާޒު. ބައިބައިވުމެއް ނޫން"، ހޯމަ ދުވަހު ނިއު ދިއްލީގައި ބޭއްވި ބައްދަލުވުމެއްގައި ޕާޓީގެ މެމްބަރުންނާ މުޚާތަބު ކުރައްވަމުން މޯދީ ވިދާޅުވި އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރުން ފެށިގެން ބީޖޭޕީން މި އިންތިޚާބު ކާމިޔާބު ކުރަމުން އައިސްފައިވާއިރު، މި ފަހަރުގެ ކާމިޔާބަކީ އެންމެ ތަފާތު ކުޑަ ކާމިޔާބުކަން ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން މި ފަހަރު އެ ޕާޓީ އަށް ލިބިފައިވާ ވޯޓްގެ ހިއްސާއަކީ %49.1 އެވެ. އަދި އިދިކޮޅު ކޮންގްރެސް އަށް ލިބިފައި ވަނީ %41.4 ވޯޓެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރެވުމާ އެކު މޯދީ ވިދާޅުވި ގޮތުގައި ބީޖޭޕީގެ ކާމިޔާބުން އެނިގެންދާ ކަމަކީ ރައްޔިތުން ތިބީ ހެޔޮ ބަދަލާއި ރަނގަޅު ނަތީޖާތަކަށް ތައްޔާރަށް ކަމަށެވެ.