Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

އަދީބުގެ ލޮލުގެ ހާލަތު ގޯސް، ކަރެކްޝަނުގެ އިހުމާލު އެބައޮތް: އާއިލާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ކަރެކްޝަންސްގެ އޮފިސަރުންތަކަކާ އެކު: ފޮޓޯ - ރާއްޖެ އެމްވީ

ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ ހާލު ވަނީ އިތުރަށް ގޯސްވެފައި ކަމަށާއި ކަރެކްޝަނަލް ސާވިސެސްއިން އަދީބާ ދޭތެރޭ އިހުމާލު ވާ ކަމަށް ބުނެ އާއިލާއިން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އަދީބުގެ ލޮލުގެ ނަމްބަރު 1.75 އިން 2.50 އަށް މަތިވެފައިވާ ކަމަށާއި ޑޮކްޓަރުންގެ ލަފާގެ މަތިން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުމުން އަދީބުގެ ހާލަތު ހުރީ ގޭބަންދަށް ގައިދީން ދޫކުރާ ހާލަތުގައި ނޫންކަމަށް ކަރެކްޝަންސްއިން އެންގި ކަމަށް ނަޝްވާ ބުނެފައިވެއެވެ.

އަދި އާއިލާގެ ފަރާތުން އަދީބުގެ އާ އައިނެއް ހެދުމަށް މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އާއިލާއިން ފައިސާ ދައްކާފައިވިނަމަވެސް އަދިވެސް އެއައިނު އަދީބަށް ފޯރުކޮށްދީފައި ނުވާ ކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޑޮކްޓަރުން ވަނީ އަދީބަށް ވަނީ ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޯމާ ޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި އެކަމަށްވެސް ވަގުތުން ބޭސްފަރުވާ ކުރުން މުހިންމު ކަމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

އަދި އަދީބުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ތަކުރާރުކޮށް ސަރުކާރުގައި އެދުމުންވެސް އެކަން ވަނީ ސަރުކާރުން ކުރުމަށް ދެކޮޅު ހަދާފައެވެ. ސަރުކާރުން ބުނަނީ އަދީބު ބޭރަށް ފޮނުވައިފިނަމަ ފިލާފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ އަދީބު ދައުލަތުން ޚިޔާނާތްތެރިވެ ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމުން ބޭރަށް ފޮނުވިދާނެ ކަމަށް ވިދާޅުވެފައެވެ.