Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

"އައްޑޫ ރައްޔިތުންގެ އަޑު" ފޭދޫ ބަނދަރުގައި!

"އައްޑޫ ރައްޔިތުންގެ އަޑު" މި ނަމުގައި ސަރުކާރުން އައްޑޫގައި ފަށާފައިވާ މަޝްރޫއުތަކާއި އަދި ކުރަން ނިންމާފައިވާ މަޝްރޫއުތައް ނުފެށި ދިގުލައިގެންދާތީ އެކަމާއި ބެހޭ ގޮތުން ރައްޔިތުންގެ އަޑު އިއްވުމުގެ މަގްސަދުގައި ފަށާ ހަރަކާތް ފޭދޫ ބަނދަރު ސަރަހައްދުގައި ފަށައިގެން ކުރިއަށް އެބަދެ އެވެ.

ސިލްސިލާ ގޮތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ހަރަކާތާއި ގުޅޭގޮތުން މިކަން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކު "އައްޑޫ ލައިވް"އަށް މައުލޫމާތު ދެމުން ވިދާޅުވީ ހަފްތާއަކު ވަކި ކަމަކަށް ހާއްސަކުރެވިގެން މިހަރާކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިރޭ އަޑު އުފުލާ ގަމުގެ ވައިގެ ބަނަދަރު އިންޓަނެޝަނަލް ކުރުމާއި ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން އެއާޕޯޓާއި ގުޅޭ ބެނާ ތައްވަނީ ހަރުކޮށްފައެވެ.

ފޭދޫގެ އާއްމު ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ މިހަރަކާތުގައި ތަފާތު ސިޔާސީ ޕާޓިތަކުގެ އެންމެ އިސް އެކްޓިވިސްޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އޮފިޝަލް ވިދާޅުވީ މިހަރަކާތަކީ އެންމެން ގުޅިގެން ކުރިއަށްދާ އިއްތިހާދެއްކަމަށެވެ.

"މީގައި އެބައުޅޭ ހުރިހާ ފިކުރެއްގެ މީހުން. އެންމެން ނިކުމެ މިތިބީ އެއްކަމަކަށް. އެއީ އައްޑޫގެ ތަރައްޤީއަށް"

މިރޭގެ ހަރަކަތުގައި ރައްޔިތުންގެ ތެރެއިން ގަމުގެ ވައިގެ ބަނދަރާއި ގުލޭ ގޮތުން އާއްމު ރައްޔިތުންގެ ހުރި ޝަކުވާ ތަކާއި އެކަމާއި ގުޅޭ ގޮތުން ރައްޔިތުން ކަމާއި ބެހޭ ފަރާތްތަކަށް އިއްވަން ބޭނުން މެސެޖެއް ބުނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިހަރަކާތް މިރޭ 12 ޖަހަންދެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.