Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ބާސާ އަނެއްކާ ވެސް ގަވާއިދާ ޚިލާފުވިކަމުގެ ތުހުމަތު

ފީފާގެ ގަވާއިދާއި ޚިލާފަށް ބާސެލޯނާއިން އެތްލެޓިކޯ މެޑްރިޑުގެ ފޯވާޑް، އެންޓޮއިން ގްރީޒްމަން ކުލަބަށް ގެންނަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އެތްލެޓިކޯ މެޑްރިޑުން ބާސާއާ ދެކޮޅަށް މައްސަލަ ހުށައަޅާނެ ކަމަށް ބުނެފިއެވެ.

އެތްލެޓިކޯއިން ބާސާއާ ދެކޮޅަށް މައްސަލަ ހުށައެޅުމަށް ނިންމާފައިވަނީ މިމަހުގެ ކުރީކޮޅު ބްރެޒިލްގެ ގްރެމިއޯއަށް ކުޅެމުން އަންނަ އާތާވެސް ގަވާއިދާއި ޚިލާފަށް ގެންނަން އުޅުނު ކަމަށްބުނެ މައްސަލަ ހުށައެޅުމުން، ބާސާގެ ޑިރެކްޓަރު ކުލަބުގެ ކިބައިން މައާފަށް އެދުނު ކަމުގެ ރިޕޯޓުތައްވެސް ފެތުރިފައިވަނިކޮށެވެ.

ގްރެމިއޯގެ އާތާ ކުލަބުގައި ހުއްޓާ ބާސާގެ ޖާޒީގައި ބާސާ އޮފިޝަލަކާއެކު ނެގި ފޮޓޯއެއް އާންމުވުމުން ގްރެމިއޯއިން ވަނީ އެއީ ގަވާއިދާއި ޚިލާފަށް ކުރި ކަމެއް ކަމަށް ބުނެ ބާސާއާ ދެކޮޅަށް މައްސަލަ ހުށައަޅާނެ ކަމަށް ބުނެފައެވެ.

މިފަހަރު އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް، ގްރީޒްމަން ހޯދުމަށް ބާސާއިން ކުޅުންތެރިޔާގެ އާއިލާއާއި ވާހަކަ ދައްކާފައިވާ ކަމަށް ކުލަބުން ތުހުމަތުކުރެއެވެ. ގަވާއިދުތައް ބުނާ ގޮތުގައި ކުލަބަކަށް ސޮއިކޮށް، ކޮންޓްރެކްޓު ހަމަނުވާ ކުޅުންތެރިޔަކާ އެހެން ކުލަބަކުން އެއްވެސް ގޮތަކަށް ގުޅުމެއް ބޭއްވުމަކީ މަނާ ކަމެއް ކަމުގައެވެ. އެހެން ކުލަބަކަށް އެ ކުޅުންތެރިޔަކު ހޯދުމަށް ކުރާ މަޝްވަރާއެއް ކުރެވޭނީ އޭނާ ތަމްސީލު ކުރާ އޭޖެންޓާއި އެކަންޏެވެ.

އެތްލެޓިކޯގެ މިތުހުމަތުތަކަށް ބާސާއިން އަދި އެއްވެސް އެއްޗެއް ބުނެފައިނުވި ނަމަވެސް ގްރެމިއޯގެ އާތާގެ މައްސަލާގައި ބާސާގެ ޑިރެކްޓަރު ކުލަބުގެ ކިބައިން ރަސްމީކޮށް މައާފަށް އެދިފައިވާ ކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ގްރީޒްމަން އެތްލެޓިކޯ ދޫކޮށް ދާން ބޭނުންވާނަމަ އެފުރުސަތު އޭނާއަށް އެބައޮތް ކަމަށް ކުލަބުގެ ކޯޗު ޑިއެގޯ ސިމިއޯނޭ ބުނެފައިވާއިރު ގްރީޒްމަން ގުޅޭނެ ކަމަށް އެންމެ ބެލެވެނީ ބާސާ ނުވަތަ މެންޗެސްޓާ ޔުނައިޓެޑާއިއެވެ. ނަމަވެސް 2022 ވަނަ އަހަރާއި ހަމައަށް ކުލަބުގައި މަޑުކުރާނެ ކަމަށް ބުނެ އޭނާ ވަނީ މިސީޒަނުގެ ކުރީކޮޅު ކޮންޓްރެކްޓު އާކޮށް ސޮއިކޮށްފައެވެ