Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ތިން ދާއިރާއަކުން ރާއްޖެއާ ގުޅުން ބަދަހި ކުރެވޭނެ: ރަޒާކް

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބުއްރައްޒާޤް މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި މުހިންމު ތިން ދާއިރާއަކުން ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރެވޭނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރުގެ އަމިއްލަ ޓުވީޓާ އެކައުންޓު މެދުވެރިކޮށް މެލޭޝިޔާ ބަހުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގުޅުން ބަދަހިކުރެވޭ ދާއިރާތަކަކީ މަތީ ތައުލީމުގެ ދާއިރާއާއި ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާ ކަމަށެވެ.

ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކޮށް އެ ތިން ދާއިރާއިން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް މިއަދު ހަވީރު ރާއްޖެ ވަޑައިގެންނެވި މެލޭޝިޔާގެ ބޮޑުވަޒީރު، ނަޖީބު ވިދާޅުވެފައިވެއެވެ.

މާދަމާ ހެނދުނު ރައީސް ޔާމީނާއި ބައްދަލުކުރައްވައި، ދެގައުމުގެ ދެމެދުގައި ބާއްވާ ރަސްމީ ބައްދަލުވުންތަކާއި، މަޝްވަރާތަކުގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަޖީބުއްރައްޒާގް ރާއްޖެއަށް ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ވަޑައިގެންފައިވަނީ އަވަށްޓެރި ސްރީ ލަންކާއަށްވެސް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށްފަހުގައެވެ. ނަޖީބުއްރައްޒާގް ރާއްޖެ ވަޑައިގެންފައިވަނީ ފާއިތުވެދިޔަ 33 އަހަރުތެރޭގައި ރާއްޖެއަށް ވަޑައިގަތް ފުރަތަމަ މެލޭޝިޔާ ބޮޑުވަޒީރުގެ ގޮތުގައެވެ.